އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރަހީމް ސްޓާލިން ކާމިޔާބުކުރި ހެޓްރިކާއެކު ވެސްޓްހޭމް ޔުނައިޓެޑް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މި މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކު ސްޓާލިން ވެފައިވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ ހަފްތާގައި މިހާތަނަށް ހެޓްރިކް ހެދި އަށްވަނަ ކުޅުންތެރިޔާއަށެވެ. އެންމެފަހުން، ލީގުގެ ފުރަތަމަ ހަފްތާގައި ކުޅުނު މެޗެއްގައި ހެޓްރިކް ހެދީ 2010/2011 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީގެ ޑިޑިއޭ ޑްރޮގްބާ އެވެ.

ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 25 ވަނަ މިނެޓުގައި ސިޓީ އަށް ލީޑްނަގައިދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އެވެ. އޭގެފަހުން، ސިޓީގެ ލީޑް ފުޅާކުރުމަށް ޖެސޫސްގެ އިތުރުން ކެވިން ޑި ބްރައިނާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ވެސްޓްހޭމްގެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ މަތަކުރިއިރު، މި ހާފުގައި ވެސްޓްހޭމްގެ ފޯވާޑް ސެބާސްޓިއަން އަލާ އަށް ލިބުނު ފުރުޞަތުގެވެސް ބޭނުންހިފޭގޮތެއްނުވިއެވެ. އެ ޓީމުގެ މިޙާއިލް އެންޓޯނިއޯ ބޮލުން ޖައްސާލި ޕާހަކުން އަލާ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް މަތަކުރިއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ސިޓީ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު، ސްޓާލިން ޖަހައިދިންއިރު އޭގެ ކުޑައިރުކޮޅެއް ފަހުން އެ ޓީމުގެ ޖެސޫސް އިތުރު ގޯލެއް ޖެހިއެވެ. ނަމަވެސް، މި މުބާރާތުގައި ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީގައި ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. އެއީ ޖެސޫސް އަށް ޕާސް ދިންއިރު ސްޓާލިން އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

އޭގެފަހުން، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ސިޓީގެ ތިންވަނަ ލަނޑު، ރިޔާދް މާރޭޒް ދިން ރީތި ޕާހަކުން ސްޓާލިން ކާމިޔާބުކުރުމުން ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އެއީ ރަނގަޅު ގޯލެއްކަމަށެވެ.

އެއަށްފަހު، މެޗު ނިމެން ހަތްމިނެޓަށްވެފައިވަނިކޮށް ސިޓީގެ މާރޭޒް އަށް ވެސްޓްހޭމްގެ އިސާ ޑިއޮޕް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ މި ހާފުގައި ކުޅެން ނިކުތް ސާޖިއޯ އަގުއޭރޯ ފޮނުވާލުމުން ވެސްޓްހޭމްގެ ކީޕަރު ފަބިއާންސްކީ މަތަކުރިއެވެ. ނަމަވެސް، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ޕެނަލްޓީ ޖެހި ވަގުތު ވެސްޓްހޭމްގެ ޒުވާން މިޑްފީލްޑަރު ޑެކްލަން ރީސް އޭރިޔާތެރެއަށް ވަނުމުން އަލުން ޖެހުމަށް އަންގާފައެވެ. ދެވަނަ ފަހަރު ފޮނުވާލައިގެން އަގުއޭރޯ ވަނީ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ.

މި މެޗުގައި ސިޓީން ޖެހި ފަސްވަނަ ލަނޑު ކާމިޔާބުކޮށް، ސްޓާލިން ހެޓްރިކް ފުރިހަމަކުރީ އިތުރުވަގުތުގައެވެ. މިއީ އެ ޓީމުގެ އަލްޖީރިއާ މިޑްފީލްޑަރު މާރޭޒް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *