ރާއްޖޭގެ ހުރިހާ ހައްޖާޖީންވެސް މިވަގުތު ތިބީ އަރަފާތު ބިމުގައި ކަމަށް ޙައްޖު މިޝަންގެ ރައީސް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝެއިޚް އިލިޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.
ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލިޔާސް ވިދާޅުވީ، ހައްޖު މިޝަންގެ ފަރާތުން ރާއްޖޭގެ ހުރިހާ ޙައްޖާޖީން އަރަފާތު ބިމަށް ދިޔަކަން ކަށަވަރުކުރުމަށްޓަކައި ތިން ގުރޫޕަކަށް ބަހާލައިގެން މީގެ ކުޑަ އިރުކޮޅެއް ކުރިން ޗެކުކޮށް ނިންމާލާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 2000 ހައްޖާޖީން މިވަގުތު އަރަފާތު ބިމުގައި، ޓެންޓުތަކުގައި ހެޔޮ ހާލުގައި ތިބިކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޔަޤީންކޮށްފިން ދެހާސް ހައްޖާޖީން އަރަފާތު ބިމުގައި އެބަ ތިބި އިންޝާ ﷲ. އަދި އެންމެންގެ ހާލުވެސް ރަނގަޅު، އަލްޙަމްދު ލިﷲ" އިލިޔާސް ވިދާޅުވިއެވެ.
އިލިޔާސް ވިދާޅުވީ ރޭގެ ވަގުތެއްގައި މިނާއިން އެއް ދިވެހި ހައްޖާޖީއެއް ގެއްލުނުކަމަށެވެ. ނަމަވެސް ﷲ ރަޙުމަތުން އެ ޙައްޖާޖީ ގުރޫޕަށް ފެނުނީ އަރަފާތު ބިމުންކަމަށެވެ.
"ރޭގެ ވަގުތެއްގައި މިނާއިން ޙައްޖާޖީއެއް ގެއްލުނު. ނަމަވެސް އަލްޙަމްދު ލިﷲ، އެ ގުރޫޕާއި އެ ފަރާތާއި އަރަފާތު ބިމުން ބައްދަލުވެއްޖެ."
މި އަހަރު ރާއްޖޭގެ 2000 ހައްޖާޖީންވަނީ ހައްޖުގެ މަތިވެރިކަން އަދާކުރުމަށް މައްކާއަށް ގޮސްފައެވެ.