އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީ އަތުން 4-1 އިން ލިވަޕޫލް މޮޅުވިއިރު، އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު އެލިސަން ބެކާ އަށް އަނިޔާވެ ހިތާމަވެރިކަމެއް ގެނެސްފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގެ ހަތްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑްނަގާފައެވެ. މިއީ އެ ޓީމުގެ ބެލްޖިއަމް ފޯވާޑް ޑިވޮކް އޮރީގީ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅެނިކޮށް ނޯވިޗްގެ ކެޕްޓަން ގްރާންޓް ހެންލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު، 19 ވަނަ މިނެޓުގައި ޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 28 ވަނަ މިނެޓުގައި ސަލާހު ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ފޮނުވާލައިގެން ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިންއިރު، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ނަގައިދިން ހިތްގައިމު ހުރަހަކުން ލިބުނު ބޯޅަ އޮރީގީ ބޮލުން ފޮނުވާލައިގެން މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލިއެވެ.

ނަމަވެސް، މި ހާފުގެ 39 ވަނަ މިނެޓުގައި ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އެލިސަން އަށް އަނިޔާވީ ގޯލްކުރިމަތިން ޖެހުމެއް ފޮނުވާލަން އުޅުމުގެ ތެރޭގައި ވެއްޓުނު ގޮތަކުންނެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ދާދިފަހުން އެ ޓީމަށް ގެނައި ކުރީގެ ވެސްޓްހޭމް ޔުނައިޓެޑްގެ ކީޕަރު އެޑްރިއަން އެވެ. 

މި ހާފުގައި ނޯވިޗަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދިޔައިރު، އެ ޓީމުގެ އެމިލިއާނޯ ބުއެންޑިއާ އަދި މާކޯ ސްޓީޕާމަން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ލިވަޕޫލްގެ އެލިސަން އެވެ.

ދެވަނަ ހާފުގައިވެސް ލިވަޕޫލުން ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިއިރު، މި ހާފުގެ ކުރީކޮޅު އެ ޓީމުގެ ފިރްމީނޯ ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ފަބީނިއޯ އަދި އެލެގްޒެންޑާ އާނޯލްޑް ފޮނުވާލި ހަމަލާތައް ނޯވިޗްގެ ކީޕަރު ޓިމް ކްރުލް މަތަކުރިއެވެ.

ނޯވިޗުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ 64 ވަނަ މިނެޓުގައި ޖަހައިދިނީ ޓީމޫ ޕޫކީ އެވެ. އެ ޓީމުން މިލަނޑުޖެހުމުގެ ކުރީން، މޮރިޓްޒް ލެއިޓްނާ ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިވާއިރު، އޭގެފަހުން އެ ޓީމުގެ ބުއެންޑިއާ އާއި ބެން ގޯޑްފްރޭ ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ބަދަލު ކީޕަރު އެޑްރިއަން މަތަކުރިއެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެލިސަން އަށް ލިބުނު އަނިޔާގެ ސަބަބުން އަންނަ ބުދަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ސުޕަކަޕް ފައިނަލްގައި ނުކުޅެވޭނެކަމަށެވެ. މީގެއިތުރުން، ކްލޮޕް ވަނި މި މެޗުގައި އެލިސަންގެ ބަދަލުގައި ކުޅެން ނިކުތް އެޑްރިއަން އަށް ތައުރީފްކޮށްފައެވެ.

ޕްރިމިއާ ލީގުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ޗެމްޕިއަން މެންޗެސްޓާ ސިޓީ ރަށުން ބޭރުގައި ވެސްޓްހޭމްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާއާ އެސްޓަން ވިލާ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.