މެދު އުމުރުގެ އަންހެނުންގެ މެދުގައި ވަރިވުމާއި، ގާތްތިމާގެ މީހަކު ނިޔާވުން ނުވަތަ ވަޒީފާ ގެއްލުންފަދަ ސްޓްރެސްފުލް ތަޖުރިބާތަކަކީ ހަނދާން ބަލިވުމަށް މަގުފަހިކޮށް، އަލްޒައިމާސް ބަލީގެ ނުރައްކާ މަތިކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް ޖީރިއެޓްރިކް ސައިކެޓްރީގައި ޝާއިރުކޮށްފައިވާ އެ ދިރާސާއިން ދައްކާފައިވާ ގޮތުގައި ސްޓްރެސް ހޯމޯންތަކަކީ ޖިންސީގޮތުން ހަމަހަމަނޫންކޮށް ސިކުނޑީގެ ސިއްޙަތުގައި މުހިންމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށެވެ.

އަލްޒައިމާސް އެސޯސިއޭޝަން އިން ބުނާ ގޮތުގައި އުމުރުން 60 އަހަރުން މަތީގެ ކޮންމެ ހަ އަންހެނަކުން 1 އަންހެނަކަށް އަލްޒައިމާސް ޖެހޭއިރު، އެ އުމުރުފުރައިގައި އަލްޒައިމާސް ޖެހެނީ ކޮންމެ 11 ފިރިހެނުންގެ ތެރެއިން 1 ފިރިހެނަކަށް ކަމަށެވެ. މި ބަލި ފަސޭހަކުރެވޭނެ ގޮތެއް ނުވަތަ އިތުރަށް ގޯސްވުން ހުއްޓުވޭނެ ގޮތެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ސިންތިއާ މަންރޯ ވިދާޅުވީ ސްޓްރެސް ދިމާވާ ކަންތައްތަކުން ސަލާމަތްނުވެވުނު ނަމަވެސް، އެ ސްޓްރެސް އަށް ރިއެކްޓްކުރާ ގޮތް ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. އަދި މެދު އުމުރުގައި ސްޓްރެސް ބޮޑުވުމުން ފިރިހެނުންނަށް އަލްޒައިމާސް ޖެހޭ މިންވަރުވެސް އިތުރުވާކަމަށް ދިރާސާއިން ނުދެއްކި ނަމަވެސް، ސްޓްރެސް އަށް ރިއެކްޓްކުރާ ގޮތުގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރުތަކުގެ މައްޗަށް ދިރާސާގައި އަލިއަޅުވާލާފައިވާ ކަމަށް އޭނާ ބުނެއެވެ.

މި ދިރާސާގައި މަންރޯ އާއި އޭނާގެ ޓީމުން ވަނީ 900 އަށްވުރެ ގިނަ ބައިވެރިންގެ މަޢުލޫމާތު ހޯދައިފައެވެ. އޭގެ ތެރެއިން 63% ބައިވެރިންނަކީ އަންހެނުން ކަމުގައިވާއިރު، ބައިވެރިންގެ އެވަރެޖު އުމުރަކީ 47 އެވެ.

ދިރާސާވެރިން ލަފާކޮށްފައިވާ ގޮތުގައި ވަކިވަކި ހާދިސާތަކަށްވުރެ، ދާއިމީ ނުވަތަ ދިގުމުއްދަތެއްގެ ސްޓްރެސްގެ ސަބަބުން ސިކުނޑިއަށް ނޭދެވޭ އަސަރުކުރާ މިންވަރު ބޮޑު ކަމަށެވެ.

އާދައިގެ ސްޓްރެސްގެ ސަބަބުން ކޯޓިސޯލްފަދަ ސްޓްރެސް ހޯމޯންތައް ވަގުތީ ގޮތުން މައްޗަށް ދިޔަނަމަވެސް، އެ ކަމެއް ނިމުމުން ހޯމޯން ލެވެލްތައް އެނބުރި ނޯމަލްއަށް އާދެއެވެ. އެހެންނަމަވެސް މާގިނައިން ސްޓްރެސްވާނަމަ، ހޯމޯން ލެވެލް މާބޮޑަށް އިތުރުވެ، އަނބުރާ ތިރިވުމަށްވެސް ގިނަ ވަގުތު ނަގާ ކަމަށް މަންރޯ ވިދާޅުވި އެވެ.

އަދި ސްޓްރެސް ހޯމޯން ލެވެލް މަތިވެފައި، ތިރިނުވެ ގިނައިރު ހުރުމަކީ ސިކުނޑީގެ 'ހިޕޮކެމްޕަސް' އަށް ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދިރާސާވެރިން ބުނާ ގޮތުގައި ޑިމެންޝިއާ ނުވަތަ އަލްޒައިމާސް އަށް މަގުފަހިކޮށްދޭ އެހެން ކަންތައްތަކާއި އަޅާބަލާއިރު، ސްޓްރެސް މަދުކުރުމަށް އެހާބޮޑު ސަމާލުކަމެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން މި ބަލި ލަސްކުރުމަށް ނުވަތަ ހުއްޓުވުމަށް ސްޓްރެސް މެނޭޖްކުރެވިދާނެ ގޮތްތައް ބެލުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމަށްވެސް ދިރާސާވެރިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.