އައިސްބާގް ލެޓިއުސް އަކީ ސެލެޑްތައްފަދަ ތަކެތި ތައްޔާރުކުރުމުގައި ވަރަށް ގިނައިން ބޭނުންކޮށް އުޅޭ ލެޓިއުސްގެ ވައްތަރެކެވެ. ބޮނޑިކޮށް ހުންނަ މި ލެޓިއުސް އަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި މެންގަނީސް އަދި އަޔަން އާއި ކެލްސިއަމް މެގްނީސިއަމްގެ އިތުރުން ފޮސްފަރަސް އާއި، ކޮންމެވެސް ވަރަކަށް ސޯޑިއަމް، ކޮޕާ އަދި ޒިންކް ވެސް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން މި ލެޓިއުސްގައި ވިޓަމިން އޭ، ކޭ، ސީ އަދި ތައިމިން އާއި ވިޓަމިން ބީ6ގެ އިތުރުން ފޯލޭޓް (ވިޓަމިން ބީ9) ވެސް ހިމެނެއެވެ. ކޮންމެ 100 ގްރާމް އައިސްބާގް ލެޓިއުސްގައި ހުންނަނީ އެންމެ 14 ކެލޮރީސް ކަމުގައިވާއިރު، އޭގެ ބޮޑުބައި ހިއްސާކުރަނީ ފެނާއި ފައިބާ އެވެ. ތިރީގައި މިވަނީ އައިސްބާގް ލެޓިއުސް ކެއުމުގެ ބައެއް ފައިދާތަކެވެ.
1. ބަރުދަން ލުއިކޮށްދޭ
އައިސްބާގް އަކީ ގިނައިން ފެން، އަދި ވަރަށް މަދު ކެލޮރީސް ހިމެނޭ ތަރުކާރީއެއްކަމުން، މިއީ ބަރުދަން ލުއިކުރުމުގައި އެހީވެދޭ ތަރުކާރީ އެކެވެ.
2. ސިއްޙަތު އިތުރަށް ރަނގަޅުކޮށްދިނުން
އައިސްބާގް ލެޓިއުސްގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ސިއްޙަތަށާއި، ކަށިތައް އުފެދުމުގެ އިތުރުން ދިފާޢީ ނިޒާމް ބާރުގަދަކޮށްދޭ މުހިންމު މާއްދާއެކެވެ.
3. އުފަންވުމުގައި ނުކުޅެދުންތެރިކަން ހުރުމުގެ ފުރުސަތު ކުޑަކޮށްދޭ
އައިސްބާގް ލެޓިއުސް އަކީ ގިނަ އަދަދަކަށް ފޯލޭޓް ހިމެނޭ ތަރުކާރި އެކެވެ. މާބަނޑު ދުވަސްވަރު ގިނައިން ފޯލޭޓް ހިމެނޭ ކާބޯތަކެތި ކެއުމަކީ ސްޕައިނާ ބައިފިޑާ އާއި އެނެންސެފަލީފަދަ އުފަންވުމުގައި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ.
4. ލޭމަނާކޮށްދިނުން
އައިސްބާގް ލެޓިއުސްގައި ހިމެނޭ ވިޓަމިން ކޭ އަކީ ލޭމަނާކުރުމުގައި ބޭނުންވާ ޕްރޮޓީންތައް އުފެއްދުމުގައި ހަށިގަނޑަށް އެހީވެދޭ މާއްދާއެކެވެ.
5. ބަލިތަކާއި ހަނގުރާމަކޮށްދޭ
އޭގައި އެކުލެވިގެންވާ ފޯލޭޓްގެ ސަބަބުން އައިސްބާގް ލެޓިއުސް އަކީ ފޯލޭޓް ޑެފިޝެންސީ އާއި ޑިޕްރެޝަން އަދި ދާއިމީ އެކިއެކި ބަލިތައްފަދަ ސިއްޙީ މައްސަލަތަކާއި ހަނގުރާމަކުރުމުގައި އެހީވެދޭ އެއްޗެކެވެ.