މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެންމެ ފަހުން އިޓަލީގެ އިންޓަ މިލާނަށް ބަދަލުވެއްޖެއެވެ.

މީގެކުރީން، ޔުވެންޓަސް އިން ވެސް ގެންދަން މަސައްކަތްކޮށްފައިވާ އުމުރުން 26 އަހަރުގެ ލުކާކޫގެ ސޮއި އިންޓަ އިން ހޯދީ ރެކޯޑް 74 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. މީގެއިތުރުން، ލުކާކޫ އަކީ ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ (99.2 މިލިއަން ޕައުންޑް) އާއި ގޮންޒާލޯ ހިގުއައިން (75.3 މިލިއަން ޕައުންޑް) އަށް ފަހު އިޓާލިއަން ލީގުގެ ތިންވަނަ އަށް އެންމެ އަގުބޮޑުކޮށް ކްލަބު ބަދަލުކުރި ކުޅުންތެރިޔާއެވެ.

ލުކާކޫ ބުނީ އިންޓަ އަކީ އޭނާ ބަދަލުވާން އެންމެ ބޭނުންވީ ކްލަބުކަމަށާއި، ދުނިޔޭގެ ގަދަބާރަކަށް އެ ޓީމު ހެދުމަށް މަސައްކަތްކޮށްދޭނެކަމަށެވެ.

މީގެ ދެ އަހަރު ކުރީން، 75 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ޔުނައިޓެޑަށް ބަދަލުވެ ލުކާކޫ އަށް އޭގެ ކުރީން ކުޅުނު އެވަޓަން އަދި ވެސްޓް ބްރޮމްވިޗް އެލްބިއަންގައި ދެއްކި ފަދަ މޮޅު ކުޅުމާ ގާތަށްވެސް ކުޅެވިފައިނުވާއިރު، މިދިޔަ ސީޒަނުގައި ލީގުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުޞަތު ލިބުނީ 22 މެޗުގައެވެ.

އިންޓަ އިން ލުކާކޫ ގެނައުމުގައި ކުރިހޯދާފައި މިވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެކި ފަހަރުމަތިން ގިނަ މަސައްކަތްތަކެއްކޮށްގެންނެވެ. އެގޮތުން، މިދިޔަ ޖުލައި މަހު އިންޓަ އިން އެންމެ ފުރަތަމަ ލުކާކޫ ގެނައުމަށް މަޝްވަރާތައް ފެށިނަމަވެސް އޭރު އެ ޓީމުން ހުށަހެޅި 54 މިލިއަން ޕައުންޑްގެ ބިޑަށް ޔުނައިޓެޑުން ވަނީ ވިއްކާލުމަށް ދެކޮޅުހަދާފައެވެ. 

އޭގެފަހުން، ޔުވެންޓަސް އިން ޕައޮލޯ ޑިބާލާ ޔުނައިޓެޑަށް ދިނުމަށްފަހު ލުކާކޫ ގެންދިއުމާ ވަރަށް ގާތަށް ޖެހިލާފައިވަނިކޮށް އެ ޑީލް ހުއްޓުނީ ޑިބާލާ ބޭނުންވާވަރުގެ މުސާރައެއްގެ އިތުރުން އޭނާ ހުށަހަޅާ ބައެއް ކަންތައްތައް ކޮންޓްރެކްޓްގައި ހިމެނުމަށް ޔުނައިޓެޑުން ދެކޮޅު ހެދުމުންނެވެ.

އިނގިރޭސި ކްލަބުތަކަށް ރޭ ޓްރާންސްފާ ބާޒާރު ބަންދުވިއިރު، ޔުނައިޓެޑަށް ލުކާކޫގެ ބަދަލުގައި ކުޅުންތެރިއަކު ނުހޯދުނުއިރު، ވާދަވެރި އާސެނަލުން ވަނީ ޗެލްސީގެ ޑޭވިޑް ލުއިޒްގެ އިތުރުން ސެލްޓެކްގެ އުއްމީދީ ފުލްބެކް ކިއެރަން ޓީއާނީ ގެނެސްފައެވެ. މީގެއިތުރުން، އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވަނީ ޔުވެންޓަސްގެ ޔާއޯ ކަންސޭލޯ އާއި ތަޖުރިބާކާރު ގޯލްކީޕަރު ސްކޮޓް ކާސަންގެ ސޮއި ހޯދާފައެވެ. އަދި ޓޮޓެންހަމް ހޮޓްސްޕާ އިން ވަނީ ރެއާލް ބެޓިސްގައި މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އާއި ފުލަމްގެ ރަޔާން ސެސެނިޔޯން ވެސް ގެނެސްފައެވެ.

ޓްރާންސްފާ ބާޒާރުގެ ފާހަގަކޮށްލެވޭ އިތުރު ހަަބަރުތަކުގެ ތެރޭގައި، އާސެނަލަށް ކުޅެމުން އައި ނައިޖީރިއާގެ އަލެކްސް އިވޯބީ އެވަޓަން އަށް ބަދަލުވިއިރު، ވަޓްފޯޑުން ވަނީ ރެނޭސްގެ ވިންގާ އިސްމާއިލާ ސާ ގެނެސްފައެވެ. އެގޮތުން، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ކްލަބުތަކުން ކުޅުންތެރިން ގަތުމަށް ހޭދަކުރީ ފައިސާގެ އަދަދު 1.41 ބިލިއަން ޕައުންޑަށް އަރާފައިވާއިރު، މީގެކުރީން، އެންމެ ގިނައިން ހޭދަކުރީ 2017 ވަނަ އަހަރުގެ ސީޒަނުގައި 1.43 ބިލިއަން ޕައުންޑެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.