މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިނުވާކަމަށް އެކޯޓުން ބުނި ބުނުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދޮގުކޮށްފިއެވެ.

ރިލްވާން ގެއްލުވާލި ކަމަށްބުނެ ޕީޖީން ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ. އެމައްސަލައިގައި ޕީޖީން އޭރު ބުނެފައިވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެކަމަށެވެ. 

އެހެންކަމުން އެކަން ސާފުކުރުމަށް ރިލްވާންގެ މަންމަ ހައިކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގައި ހައިކޯޓުން ބުނެފައިވަނީ، ރިލްވާން މައްސަލަ އިސްތިއުނާފް ކުރުމަށް ނުވަތަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް ދައުލަތުން އެދިފައިވާކަމަށް ހައިކޯޓުގެ ރިކޯޑްގައި ފެންނަން ނެތްކަމަށެވެ. 

އެހެންނަމަވެސް ހައިކޯޓުގެ ސިޓީ ދޮގުކޮށް ޕީޖީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތުއުނާފު ކޮށްފައިވާނޭކަމަށެވެ. 


"މައްސަލަ އިސްތިއުނާފު ކުރުމުގއ ހުއްދަ ދެއްވުން އެދި މި އޮފީހުން ހައިކޯޓުގައި އެދިފައިވާނެ. ޖަވާބުވެސް ވަނީ ލިބިފަ" ޕީޖީ އޮފީހުގެ ޓްވީޓްގައި ވެއެވެ. 

ރިލްވާންގެ މައްސަލައިގައި ޕީޖީން ދައުވާ އުފުލި މީހުނަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އަންނަނީ ރިލްވާންގެ މައްސަލަވެސް ބަލަމުންނެވެ. އެގޮތުން އެކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އިއްޔެ ކުރެއްވި ޓްވީޓްތަކެއްގައި ބުނެފައިވަނީ، ރިލްވާން ގެއްލުވާލި "ޓްރަރިސްޓް ގްރޫޕު" ދެނެގަނެވިފައިވާކަމަށާއި، އެމީހުންގެ މައުލޫމާތު އޮގަސްޓް މަސް ނިމުމުގެ ކުރިން ހާމަކުރާނޭކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.