ޓެކްސީ ޑްރައިވަރުން މާބޮޑަށް ވަރުބަލިވެ، ނިދިޖެހުމުން އެކަން ފަސޭހައިން ދެނެގަނެވޭނެ ޑިވައިސްއެއް ހަރުކުރުމަށް ރަޝިޔާގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެކްސީ ހިދުމަތްދޭ ކުންފުނިން ނިންމައިފިއެވެ.

އެގޮތުން، ޔަންޑެކްސް ޑޮޓް ޓެކްސީ އިން ދާދިފަހުން ތައާރަފްކުރި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ހިމެނޭ ޑިވައިސް މެދުވެރިކޮށް މާބޮޑަށް ވަރުބަލިވެ، ނިދިޖެހޭ ޑްރައިވަރުން އެނގޭނެކަމަށް ބްލޫމްބާގް އިން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޑްރައިވަރުން ވަރުބަލިވުމުން އެކަން ދެނެގަނެވޭނެ ސޮފްޓްވެއާ ހިމެނޭ މި ޑިވައިސް ހަރުކުރުމަށް ހަމަޖެހިފައިވަނީ ކާރުގެ ވިންޑްޝީލްޑްގައެވެ. އެގޮތުން، މި ޑިވައިސް މެދުވެރިކޮށް ތަފާތު 68 ފޭޝަލް ޕޮއިންޓް ދެނެގަނެވޭނެއެވެ.

ޔަންޑެކްސް އިން މި ޑިވައިސް ހަރުކުރުމަށް ނިންމާފައިވަނީ، ދާދިފަހުން ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުން ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން މަގުމަތީގެ އެކްސިޑެންޓުތައް ހުއްޓުވުމަށް މިހާރަށްވުރެ ގިނަ މަސައްކަތްކުރުމަށް ގޮވާލާފައިވާތީވެ އޭގެއަށް ދިން ރައްދެއްގެ ގޮތުން ކަމަށް ބެލެވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ރަޝިޔާގެ މޮސްކޯގައި މިދިޔަ އެއް އަހަރު ތެރޭގައި ހިނގާފައިވާ ތަފާތު 764 ކާރު އެކްސިޑެންޓްގެ ސަބަބުން 23 މީހުން މަރުވެފައިވެއެވެ. އެ ގައުމުގެ ގިނަ މީހުން ފާހަގަކުރާގޮތުގައި މިހާ ގިނަ އަދަދަކަށް މަގުމަތީގެ އެކްސިޑެންޓުތައް އިތުރުވެފައިވަނީ ވެހިކަލްތައް ގިނަކަމުންނާއި، އިންޓަނެޓް އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ހިދުމަތް ފޯރުކޮށްދޭތީވެކަމަށެވެ.

މިހާރަކަށް އައިސް ކާރު އުފައްދާ ކުންފުނިތަކުންވެސް، ވެހިކަލްތަކުގައި ފޭޝަލް ރިކޮގްނިޝަން ފީޗާސް އަންނަނީ ހިމަނަމުންނެވެ. އެގޮތުން، 2019 ސުބާރު ފޮރެސްޓާގައިވެސް "ޑްރައިވާފޯކަސް"ގެ ނަމުން ނަން ދީފައިވާ ޑްރައިވާ މޮނީޓަރިން ސިސްޓަމްގެ ފީޗާސްތަކުގެ ސަބަބުން ވަރުބަލިވާ ފަރާތްތައް ދެނެގަނެވޭއިރު، ކެޑިލަކް ސީޓީސިކްސް ސެޑާން މޮޑެލްގެ ކާރުތަކުގައި ޑްރައިވަރާ ދިމާލުގައި ހަރުކޮށްފައި ހުންނަ ކެމެރާގެ އިންފްރާރެޑް ލައިޓްގެ ޛަރިއްޔާއިން ބޮލުގެ ހަރަކާތްތައް ދެނެގަނެވެއެވެ.

މިހާތަނަށްއައިއިރު އޫބާ އިން ޑްރައިވަރުންނަށް ބްރޭކް ދިނުމުގެ ގޮތުން ޓެކްނޮލޮޖީއާ ބީ ރައްޓެހިގޮތަކަށް، ހަމަޖައްސާފައިވަނީ ކާރު ދުއްވާތާ 12 ގަޑިއިރުވުމުން، އޭގެ ހަ ގަޑިއިރު ފަހުން ސިސްޓަމް އޮފްލައިން ވާގޮތަށެވެ. ލައިފްޓް ޓެކްސީ އިން ޑްރައިވަރުން ދުއްވާތާ 14 ގަޑިއިރުވުމުން ސިސްޓަމް އޮފްލައިންވާގޮތަށްވެސް ހުރެއެވެ. އެކަމަކު، އޫބާގެ އިތުރުން ލައިފްޓް އެޕްލިކޭޝަން ބޭނުންކުރާ ބައެއް ޓެކްސީ ޑްރައިވަރުންނަށް ފަސޭހަކަމާއެކު ސިސްޓަމް ރީސެޓްކޮށްގެން، މެދުކެނޑުމެއްނެތި ބްރޭކެއް ނުނަގާ ގިނަ ވަގުތު ދުއްވޭގޮތަށް ހެދުމުގެ ފުރުޞަތުލިބިގެންވެއެވެ.

ނަމަވެސް، ޔަންޑެކްސް އިން މިހާރު ތައާރަފްކޮށްފައިވާ މޫނަށް އަންނަ ތަފާތު ބަދަލުތައް ދެނެގަނެވޭ ސޮފްޓްވެއާ ހިމެނޭ ޑިވައިސްތަކާއެކު މަގުމައްޗަކީ ވެހިކަލްތަކާ އާއްމުންނަށްވެސް މިހާރަށްވުރެ ރައްކާތެރި ތަނަކަށް ހެދޭނެއެވެ. އެގޮތުން، ޔަންޑެކްސް އިން ވަނީ މި ޑިވައިސްތައް ޓެސްޓުކުރުމުގެ ގޮތުން މިހާތަނަށްއައިއިރު 100 ވަރަކަށް ޓެކްސީގައި ހަރުކޮށްފައެވެ. އެ ކުންފުނީގެ އަމާޒަކީ ރަޝިޔާގެ އެތަކެއް ހާސް ޓެކްސީއެއްގައި މި ޑިވައިސްތައް ހަރުކުރުމުގެ މަސައްކަތް ނިންމާލުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.