މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށްނެގި "ޓެރަރިސްޓް ގްރޫޕް"ގެ މައުލޫމާތު އޮގަސްޓް މަސް ނިމުމުގެ ކުރިން ހާމަކުރާނޭކަމަށް އެމައްސަލަ ތަހުޤީޤުކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިފަދައިން ވިދާޅުވެފައިވަނީ، ރިލްވާން ގެއްލުވާލިތާ މިއަދަށް 5 އަހަރުފުރުން ފާހަގަކުރަމުން ދަނިކޮށް ކުރެއްވި ޓްވީޓްތަކެއްގައެވެ. 

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔ ާއިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ސުއޫދް މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، ވަޅިން ބިރުދެއްކުމަށްފަހު ރިލްވާން ވަގަށްނެގިތާ މިއަދަށް 5 އަހަރު ފުރިފައިވާއިރު އޭނާއަށް ވީގިތޮއް އެނގުމުގެ ހައްޤު އޭނާގެ އާއިލާއަށް ލިބިގެންވާކަމަށެވެ. އަދި ރިލްވާންގެ މައްސަލައިގައި އެ ކޮމިޝަނަށް ލިބިފައިހުރި އެންމެ ފަހުގެ މައުލޫމާތުތައް ރިލްވާންގެ އާއިލާއާ މީގެ ދެ ހަފުތާ ކުރިން ހިއްސާކޮށްފައިވާކަމަށްވެސް ސުއޫދުގެ ޓްވީޓްގައި ވެއެވެ. 

ސުއޫދު ވިދާޅުވީ ރިލްވާން ވަގަށްނެގި "ޓެރަރިސްޓް ގްރޫޕް" ދެނެގަނެވިފައިވާ ކަމަށާއި، އަދި އެކަމުގައި ބައިވެރިވި މީހުންވެސް ދެނެގަނެވިފައިވާކަމަށެވެ. އަދި އެމީހުންނާއި ދެކޮޅަށް ދައުވާކުރުމަށް އެކަށީގެންވާ ހެކި އެއްކުރެވިފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި ރިލްވާން ވަގަށްނެގި "ޓެރަރިސްޓް ގްރޫޕުގެ" މައުލޫމާތު އޮގަސްޓް މަސް ނިމުމުގެ ކުރިން ހާމަކުރާނޭކަމަށް ސުއޫދުގެ ޓްވީޓުގައިވެއެވެ. 

ރިލްވާން ވަގަށްނެގުމަށްފަހު އޭނާއަށް ހެދިގޮތެއް އަދިވެސް ހޯދިފައިނުވާކަމަށާއި، އެކަން ކޮމިޝަނުން ތަހުޤީޤު ކުރަމުން އަންނަކަމަށް ސުއޫދުގެ ޓްވީޓްގައިވެއެވެ. 

ނޫސްވެރިޔާ ރިލްވާން ގެއްލުވާލިތާ މިއަދަށް 5 އަހަރުވެފައިވާއިރު، އޭނާއަށް ވީގޮތެއް އަދި މިހާތަނަށްވެސް ހޯދިފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.