މިފަހަކުން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އަކީ ޓެކްސީ ޑްރައިވަރުންގެ ވާހަކައެވެ. ޓެކްސީ ކުރާ އަގުގެ ވާހަކައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މަޤާމާއި ހަވާލުވުމަށްފަހު ޓެކްސީ ދަތުރު ތަކަށް ނަގާ އަގުގެ މައްސަލަ މިވަނީ ނުހަނު ބޮޑުވެފައެވެ. 

ރައްޔިތުން ދައްކަނީ ޓެކްސީ ޑްރައިވަރުން ބޮޑު އަގު ނަގާ ވާހަކައެވެ. ސަރުކާރުން ވަކި އަގެއް ކަނޑައެޅިނަމަވެސް ޓެކްސީ ޑްރައިވަރުން ބޮޑުކޮށް އަގުނަގާ ވާހަކައެވެ. މާލެ އާއި ހުޅުމާލެއާއި ދެމެދު ކުރާ ދަތުރުތަކަށް މާބޮޑުކޮށް އަގު ނަގާ ވާހަކައެވެ. އެންމެ ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން އެންގީ ކަނޑައަޅާ އަގަށްވުރެއް ބޮޑު އަގެއް ނަގާނަމަ އެކަން ފުލުހުންނަށް އެންގުމުން އެ ޓެކްސީ ޑްރައިވަރަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން މިވަނީ އަގުތައް ދަށްކޮށް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ޕްރައިވެޓް ކާރުތަކަށް ވެސް ޓެކްސީ ކުރެވޭނޭ މަގެއް ދައްކާފައެވެ. އެންމެ ފަހުން މި ހުރިހާ ކަމެއްގައި ހިތްހަމަނުޖެހި ޓެކްސީ ޑްރައިވަރުން މުޒާހަރާ ކޮށްފިއެވެ. 70 އަށްވުރެއް ގިނަ ޓެކްސީ ހިދުމަތް ނުދީ ސުލްހަވެރި އިހުތިޖާޖެއް ކޮށްފިއެވެ. 

މިހުރިހާ ކަމެއްގައި ގިނަ ބަޔަކަށް ގޯސްވަނީ ޓެކްސީ ޑްރައިވަރުންނެވެ. އެހެންނަމަވެސް އެއްވެސް ބަޔަކު ޓެކްސީ ޑްރައިވަރުންގެ ވާހަކަތަކަކީ ކޮބައިތޯ ސާފެއް ނުކުރެއެވެ. 

ޓެކްސީ ޑްރައިވަރުންގެ ވާހަކަތައް ވެސް ވަކި ގޯހެއް ނޫނެވެ. 

އެމީހުންގެ ވާހަކައަކީ މާލޭގެ ތޮށްޖެހުން ބޮޑު ވާހަކައެވެ. ވެހިކަލްތައް ގިނަވެ ދަތުރުކުރުމަށް އުނދަގޫ ވާހަކައެވެ. 

ސެންޓަރަށް މީހަކު ގުޅާ ދަތުރެއް ހޯދުމުން އެދިމާލަށް ދުއްވަން 10 ވަރަކަށް މިނެޓު ނަގާވާހަކައެވެ. އަދި އެއްބައިފަހަރު އެހިސާބަށް ދެވޭއިރު، ގިނަ އިރު ވުމުގެ ސަބަބުން ޓެކްސީ ހޯދުމަށް ގުޅާ އާންމުންގެ މީހާ މަގުމަތިން އެހެން ޓެކްސީއެއް ހޯދައިގެން އެމީހެއްގެ މަންޒިލަށް ދާވާހަކައެވެ. އެހެން ކަން ވުމުން އެއްކަލަ 10 މިނެޓުގެ ދުއްވުން ބޭކާރު ވީއެވެ. 

ދިހަ މިނެޓްގެ ދަތުރަށްފަހު ޚިދުމަތް ހޯދުމަށްގުޅާ އާންމުންގެ މީހާއާއި ހަމައަށް ދާއިރު އެމީހަކު ހުރިނަމަ، އެމީހަކު ބޭނުންވާ މަންޒިލަކަށް ދާން މާލޭގައި 20 މިނެޓްވަރު ނަގައެވެ. ޓްރެފިކާއި ހެދިއެވެ. 

ޑްރައިވަރުންގެ މައިގަނޑު ޝަކުވާއަކީ މާލޭގެ ޓްރެފިކާއި ހެދި ބޭނުންވާ ވަރަށް ގިނަ ދަތުރު ނުކުރެވޭތީ ހިތްހަމަ ޖެހޭވަރުގެ އާއްމުދަނީއެއް ނުލިބޭ ވާހަކައެވެ. 

މާލޭގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވާއިރު، އާއިލާއެއް ބެލެހެއްޓޭ ވަރުގެ އާއްމުދަނީއެއް ނުލިބޭވާހަކައެވެ. އެ ސަބަބާއިހުރެ އަގުތައް ބޮޑުކުރަން ޖެހޭ ވާހަކައެވެ. ޓެކްސީ ދަތުރުތަކުގެ އަގު ކޮންޓްރޯލް ކުރިއިރު، އެ އަގުތަކުން އެޑްރައިވަރުންގެ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖެއްސުމަށް ދަތިވާހަކައެވެ. 

ވީއިރު، އަގު ކަނޑައެޅުމުގައި ޓެކްސީ ޑްރައިވަރުންގެ ހާލަތަށް ބެލުމަށްވެސް އެފަރާތްތަކުން އެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.