ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ކޮސްޓަރިކާ އަންހެނަކާއި 42 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.

މި ދެމީހުންގެ ތެރެއިން 35 އަހަރުގެ ކޮސްޓަރިކާ އަންހެން މީހާއަކީ އޮގަސްޓް 07 ވަނަ ދުވަހުގެ 16:26 ހާއިރު ދޯހާއިން ރާއްޖެ އައި ފްލައިޓަކުން އައި މީހެއްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިމީހާ ހައްޔަރު ކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އޭނާގެ ލަގެޖް ސްކޭންކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ހަތަރު ރަބަރު ގަނޑާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކޮތަޅެއް ފެނުމާ ގުޅިގެންނެވެ. އެތަކެތީގެ ވަގުތީ ބަރުދަން 2 ކިލޯއަށްވުރެ ބަރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ 42 އަހަރުގެ ސިންގަޕޫރު މީހާ ހައްޔަރު ކޮށްފައިވަނީ މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން، އޮގަސްޓް 07 ވަނަ ދުވަހުގެ 22:35 ހާއިރު ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރެއިން ކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.