ޚަބަރު
ބީއެމްއެލްގެ ކާޑު މެޝިންތަކުން ވީޗެޓްޕޭ ބޭނުން ކުރެވޭ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިން ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ ޕީއޯއެސް ނެޓްވޯކުގައި ޕޭމަންޓް މެތަޑެއްގެ ގޮތުގައި ވީޗެޓް ޕޭ ތައާރަފް ކުރި ވާހަކަ އިއުލާންކޮށްފަ އެވެ.

މިއާއެކު ބީއެމްއެލްގެ މާޗެންޓުންނަށް މިހާރު ވީޗެޓް ޕޭ އިން ކިއުއާރު ޕޭމަންޓް ބަލައިގަނެ، ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް އިސްކަންދޭ ގޮތް އިހްތިޔާރު ކުރުމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.

މިއާއެކު، ޗައިނާގެ މަގްބޫލު މިއެޕުން ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެ އެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

ބޭންކުގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ “އަޅުގަނޑުމެން މި ހިދުމަތް ފަށާފައި މިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީފްރީ ގައި ހިމެނޭ ވިޔަފާރިތަކުން. ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނޭވޭ ގޮތަށް ހަމަޖެހިގެން ދިޔުމާއެކު، ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ 1 ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހި ރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށްވެސް ފައިސާދެއްކޭނެ ގޮތް މިވަނީ ފަހިވެފައި. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން. މިގެނެވުނު ބަދަލާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުން އިހްތިޔާރުކުރާ ގޮތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެގޮތް މިވަނީ ހަމަޖެހިގެންގޮސްފައި”

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މަރޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.

އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަރކާޑް، ޔޫނިއަން ޕޭ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ އިތުރުން ބީއެމްއެލް ޕޭ، އަލީ ޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ފައިސާ ބަލައިގަނޭވޭ ހިދުމަތް ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ. ޕީއޯއެސް ޓަރމިނަލްގެ އިތުރުން ބޭންކުގެ މަރޗަންޓް ޕޯޓަލް އަދި އެމްޕޮސް އެޕް މެދުވެރިކޮށް މަރޗަންޓުންނަށް އޮންލައިންކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ފައިސާ ބަލައިގަނެވޭނެއެވެ. އަދި މި ހިދުމަތް ބޭނުންކޮށްގެން ޕޭމަންޓް ރިކުއެސްޓް ފޮނުވާ، ފައިސާގެ މުއާމަލާތް ޗެކްކުރުމާއި އޮންލައިން ސްޓޯރތައް މެނޭޖްކުރެވޭނެ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top