އެންމެ ފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެރޫ އަތުން 3-1 އިން ބްރެޒިލް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ގްބްރިއެލް ޖެސޫސްގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކުގެ ސަބަބުން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ، ކޮންމެބޯލް އިން އޭނާ ދެ މަހަށް ގައުމީ ޓީމުގެ މެޗުތަކުން ސަސްޕެންޑްކޮށް ޖޫރިމަނާކުރަން ނިންމައިފިއެވެ.

އުމުރުން 22 އަހަރުގެ ޖެސޫސް ދެ މަހަށް ސަސްޕެންޑް ކުރުމުން ކުރިއަށް އަށް އޮތް ސެޕްޓެންބަރު މަހުގައި ކޮލަމްބިއާ އަދި ޕެރޫއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކުގެ އިތުރުން އޮކްޓޫބަރު މަހުގައި ކުޅެން ހަމަޖެހިފައިވާ ދެ މެޗުވެސް އޭނާ އަށް ގެއްލޭނެއެވެ. ޖެސޫސް ޖޫރިމަނާކޮށްފައިވަނީ 30،000 ޑޮލަރުންނެވެ.

މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އުއްމީދީ ފޯވާޑް ޖެސޫސްގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުނީ ޕެރޫއާ ދެކޮޅަށް ބްރެޒިލް ކުޅެ 3-1 އިން މޮޅުވި ކޮޕާ އެމެރިކާގެ ފައިނަލް މެޗުގެ 70 ވަނަ މިނެޓުގައި ދެވަނަ ރީނދޫކާޑަކާއެކު ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. ކޮންމެބޯލް އިން ޖެސޫސް އަށް އަދަބުދޭން ނިންމީ، އެ މެޗުގެ ރެފްރީއަށް ނިސްބަތްކޮށް އިހުތިރާމް ގެއްލޭފަދަ ގޮތަކަށް އޭނާގެ އަތުގެ އިޝާރާތުން ދައްކުވައިދިން މެސެޖުގެ ސަބަބުންނާއި އެނބުރި ޓަނަލްއަށް ދިޔަވަގުތު ހިތްހަމަނުޖެހުން ފާޅުކޮށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ މޮނީޓަރު ކޮށްޕާލުމުންނެވެ.

މިއީ އެންމެފަހުގެ ކޮޕާ އެމެރިކާގައި ހިނގާދިޔަ ކަމެއްގެ ސަބަބުން ފުޓްބޯޅަ ކުޅުންތެރިއަކަށް އަދަބުދިން ދެވަނަ ފަހަރެވެ. މީގެކުރިން ކޮންމެބޯލް އިން ވަނީ އެ އިދާރާއިގައި ކޮރަޕްޝަން އޮތްކަމަށް ދެއްކި ވާހަކަތަކާ ގުޅިގެން ގައުމީ ޓީމުގެ މެޗުތަކުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ތިން މަސް ދުވަހަށް ސަސްޕެންޑްކޮށް، ޖޫރިމަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.