ހަޤީޤަތުގައި މޭވާއަކީ ގަހެއްގެ މަލުގެ އޯވަރީ އިން ހެދޭ، އޮށްހުރި އެއްޗެކެވެ. އެ މާނައަށް ބަލާއިރު، އެވޮކާޑޯ އަކީ މޭވާއެކެވެ. އެއީ އެވޮކާޑޯގެ މެދުގައި ވަނީ ބޮޑު އެއް އޮށް ކަމަށްވާތީ އެވެ. އެވޮކާޑޯ އަކީ އެއް އޮށްހުރި ބެރީއެއް ކަމުގައިވެސް ބުނެއެވެ. އެވޮކާޑޯ އަކީ އެޕްރިކޮޓް އާއި ޕީޗް އަދި ޕްލަމް އާއި ޓޮމާޓޯފަދަ "ފްލެޝީ" މޭވާއެކެވެ.

ބޭރު ސިފައާއި ރަހައަށް ބަލާއިރުވެސް އެވޮކާޑޯ އަކީ އެހެން މޭވާތަކާއި ވަރަށް ތަފާތު މޭވާއެކެވެ. އެހެންކަމުން ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތަކީ އެވޮކާޑޯ އަކީ ތަރުކާރީއެއް ކަމަށެވެ. އެއީ މުޅިން ދޮގު ވާހަކައެއްވެސް ނޫނެވެ. އެއީ ކޮންމެ މޭވާއަކީ ވެސް ތަރުކާރީ (ގަހެއްގެ ކާން ރަނގަޅު ބައި) ކަމުގައި ވާތީ އެވެ.

އެވޮކާޑޯއަކީ ގިނަ ފައިދާތަކެއްވެސް ލިއްބައިދޭ މޭވާއެކެވެ. ތިރީގައި މިވަނީ އެފަދަ ބައެއް ފައިދާތަކެވެ.

- ޔޫއެސްޑީއޭ އިން ބުނާ ގޮތުގައި އެވޮކާޑޯ އަކީ ޕޮލިއަންސެޗުރޭޓެޑް އަދި މޮނޮއަންސެޗުރޭޓެޑް ފެޓްސްފަދަ ރަނގަޅު ފެޓްސް އާއި ވިޓަމިން ސީ، ވިޓަމިން ބީ6، މެގްނީސިއަމް އަދި ފައިބާވެސް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ.

- އެވޮކާޑޯގައި މެދުމިންވަރަކަށް އަޔަން އާއި ވިޓަމިން އޭވެސް ހިމެނެއެވެ.

- އެވޮކާޑޯ އަކީ ހަޖަމުގެ ނިޒާމް ރަނގަޅުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ބްލަޑް ޕްރެޝަރު ދަށްކޮށްދޭ ޕޮޓޭސިއަމް އެކުލެވިގެންވުމާއެކު އެވޮކާޑޯ އަކީ ހިތުގެ ސިއްޙަތަށްވެސް ވަރަށް ފައިދާހުރި މޭވާއެކެވެ.

- އެވޮކާޑޯގައި ހިމެނޭ ވިޓަމިން ސީ އަކީ ދިފާޢީ ނިޒާމް ބާރުގަދަކޮށްދޭ އެއްޗަކަށްވާއިރު، ބީ ވިޓަމިންތަކަކީ މެޓަބޮލިޒަމް އަވަސްކޮށްދޭ މާއްދާތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.