ކަޅު ހިކިމޭބިސްކަދުރަކީ އާއްމުކޮށް އޮށް ނުހުންނަ ފޮނި ރަހަދޭ އެއްޗެކެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ (ޔޫއެސްޑީއޭ) ނޭޝަނަލް ނިއުޓްރިއެންޓް ޑޭޓާބޭސްގައި ބުނެފައިވާ ގޮތުގައި ހިކިމޭބިސްކަދުރަކީ ގިނަ އަދަދަކަށް ޤުދުރަތީ ހަކުރާއި، ފައިބާ އަދި ކާބޯހައިޑްރޭޓްސްގެ އިތުރުން ޕްރޮޓީންވެސް އެކުލެވިގެންވާ އެއްޗެއް ކަމަށެވެ. މީގެ އިތުރުން ޕޮޓޭސިއަމް، ފޮސްފަރަސް، މެގްނީސިއަމް، އަޔަން، ކެލްސިއަމް އަދި ސޯޑިއަމްފަދަ ގިނަ މިނަރަލްތަކާއި، ވިޓަމިން ސީ އާއި ފޯލޭޓްފަދަ ވިޓަމިންތައްވެސް މޭބިސްކަދުރުގައި ހިމެނެއެވެ. ތިރީގައި މިވަނީ ކަޅު ހިކިމޭބިސްކަދުރުން ލިބޭ ބައެއް ފައިދާތަކެވެ.
1. ހިތުގެ ސިއްޙަތު ރައްކާތެރިކޮށްދިނުން
ޤަވާއިދުން ކަޅު ހިކިމޭބިސްކަދުރު ކެއުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. އޭގައި ހިތުގެ ސިއްޙަތު ރައްކާތެރިކޮށްދޭ ބައެއް މާއްދާތައް ކަމުގައިވާ ފައިބާ އާއި ޕޮލިފީނޯލްސްވެސް ހިމެނެއެވެ.
ލިޕިޑް އިން ހެލްތު އެންޑް ޑިޒީސް ޖާނަލްގައި ޝާޢިރުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ޤަވާއިދުން ހިކިމޭބިސްކަދުރު ކެއުމަކީ ނުބައި ކޮލެސްޓްރޯލް (އެލްޑީއެލް) ލެވެލް ދަށްކޮށްދީ، ބްލަޑް ޕްރެޝަރުވެސް ކޮންޓްރޯލްކޮށްދޭ ކަމެއް ކަމަށެވެ.
ރޭގަނޑު ކަޅު ހިކިމޭބިސްކަދުރު ފެނުލާފައި ހެނދުނު ކެއުމަކީ އިންޑިއާފަދަ ޤައުމްތަކުގައި ލޭމައްޗަށް ދިއުން ކޮންޓްރޯލްކުރުމަށް ކޮށް އުޅޭ ކަމެކެވެ.
2. އަނގައިގެ ސިއްޙަތު ރަނގަޅުކޮށްދިނުން
ކަޅު ހިކިމޭބިސްކަދުރު ކެއުމަކީ ހިރުގަނޑާއި ދަތަށް ވަރުގަދަކޮށްދޭ ކަމެކެވެ. ޝިކާގޯގެ ޔުނިވާސިޓީ އޮފް އިލިނޮއި އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އޮލިއެނޯލިކް އެސިޑް، އޮލިއެނޯލިކް އަލްޑިހައިޑް، ލައިނޯލިކް އެސިޑް، ލައިނޯލީނިކް އެސިޑްފަދަ އެންޓިމައިކްރޯބިލިއަލް ކޮމްޕައުންޑްތައް ހިކިމޭބިސްކަދުރުގައި އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ ކެވިޓީސް އާއި ހިރުގަނޑުގެ ބަލިން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ.
3. ހަކުރުބަލި ކޮންޓްރޯލްކޮށްދިނުން
ކަޅު ހިކިމޭބިސްކަދުރުގެ ގްލައިސީމިކް އިންޑެކްސް (ޖީއައި) ވަރަށް ކުޑައެވެ. އޭގެ މާނައަކީ މި ހިކި މޭވާތަކުގައި ހުންނަ ކާބޯހައިޑްރޭޓްސް އަކީ ހަށިގަނޑުގެ ގްލުކޯޒް ލެވެލްތަކަށް މާ ބޮޑު އަސަރެއްކުރާ މާއްދާތަކެއް ނޫން ކަމަށެވެ. މީގެ އިތުރުން ކަޅު ހިކިމޭބިސްކަދުރު އަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ އެއްޗެއް ކަމަށް ގިނަ ދިރާސާތަކަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން 2015 ވަނަ އަހަރު ކުރި ދިރާސާއަކުން ހޯދި ގޮތުގައި ތައްޔާރީ ލުއިކާނާގެ ބަދަލުގައި ހިކިމޭބިސްކަދުރު ކެއުމަކީ ޓައިޕް 2 ޑައިބެޓީސް ހުންނަ ފަރާތްތަކުގެ ގްލުކޯޒް ލެވެލް ރަނގަޅުކޮށްދޭ ކަމެއް ކަމަށެވެ.
4. ހަނދާން ރަނގަޅުކޮށްދިނުން
ނިއުޓްރިއެންޓްތަކުން ފުރިގެންވާ މޭވާ އާއި ތަރުކާރީ ކެއުމަކީ މުހިންމު ކަމެކެވެ. އެއީ އެފަދަ ތަކެއްޗަކީ އުމުރާއި ގުޅުންހުރި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ އެއްޗިއްސަށް ވާތީއެވެ.
މުސްކުޅިވަމުންދާ މީދާތަކެއްގެ ސިކުނޑީގެ ޓިޝޫ އަށް ހިކިމޭބިސްކަދުރު ކެއުމުން ކުރާ އަސަރު ބެލުމަށްޓަކައި އިރާން، އޮސްޓްރޭލިއާ އަދި ކެނެޑާގެ ރިސާޗު ސެންޓަރުތަކުން ވަނީ ދިރާސާއެއް ކޮށްފައެވެ. ނަތީޖާތައް ދެއްކިގޮތުން ކަޅު ހިކިމޭބިސްކަދުރުގައި ކޮގްނިޝަން އާއި ހަނދާން ރަނގަޅުކޮށްދޭ ވަރުގަދަ އެންޓިއޮކްސިޑެންޓް މާއްދާތަކެއް އެކުލެވިގެންވެއެވެ.
5. ކެންސަރު ޖެހުމުން ރައްކާތެރިކޮށްދިނުން
ފުޑް އެންޑް ފަންކްޝަން ޖާނަލްގައި 2013 ވަނަ އަހަރު ޝާއިރުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ހިކިމޭބިސްކަދުރަކީ ގޮހޮރުގެ ކެންސަރު ސެލްތަކާއި ހަނގުރާމަކުރުމުގައި އެހީވެދޭ އެއްޗެއް ކަމަށެވެ. އެއީ ހިކިމޭބިސްކަދުރުގައި ހުންނަ ފީނޯލިކް ކޮމްޕައުންޑްތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ކަޅު ހިކިމޭބިސްކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓް، އެންޓި-އިންފްލެމޭޓަރީ އަދި އެންޓި-ޕްރޮލިފަރޭޓިވް މާއްދާތަކުގެ ސަބަބުންވެސް ކެންސަރުން ރައްކާތެރިކޮށްދެ އެވެ.
6. ހަޖަމުކުރުމުގައި އެހީވެދިނުން
ހަޖަމުގެ ނިޒާމުގައި ހުންނަ ޓިޝޫތަކަށް ކަޅު ހިކިމޭބިސްކަދުރަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވުމާއެކު ހިކިމޭބިސްކަދުރަކީ ބަނޑުހަރުވުމުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ.