މެންޗެސްޓާ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމުން އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ޖޫރިމަނާކުރަން އެ ކްލަބުން ނިންމައިފިއެވެ.

އުމުރުން 26 އަހަރުގެ ލުކާކޫ ވަނީ ވޭތުވެދިޔަ ދެ ދެވަހު ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ، އޭނާގެ ކުރީގެ ކްލަބު އެންޑަލެކްޓް ޓީމުގެ ކުޅުންތެރިންނާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

ޔުނައިޓެޑުން މިފަހަރުގެ ޕްރީ-ސީޒަން ކުޅުނު އެއްވެސް މެޗެއްގައި އަނިޔާގެ ސަބަބުން ލުކާކޫ ބައިވެރިވެފައިނުވާއިރު، އޭނާ ގެންދިއުމަށް އިޓަލީގެ ދެ ކްލަބުކަމަށްވާ އިންޓަ މިލާނާއި ޔުވެންޓަސް އިން ވަނީ މަޝްވަރާކޮށްފައެވެ. 

ދާދިފަހުން އިންޓަގެ ކޯޗުކަމާ ހަވާލުވި އެންޓޯނިއޯ ކޮންޓޭ ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެކި ފަހަރުމަތިން ލުކާކޫ ގެނައުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން، މިިދިޔަ ޖުލައި މަހު އިންޓަ އިން ލުކާކޫ ގެންދިއުމަށް ޔުނައިޓެޑާއެކު މަޝްވަރާކުރުމަށްފަހު ހުށަހެޅި 54 މިލިއަން ޕައުންޑްގެ ބިޑަށް އެ ޓީމުން ފުރަގަސްދީފައިވާއިރު، އޭގެފަހުން، ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕައޮލޯ ޑިބާލާއާ ލުކާކޫ ބަދަލުކުރުމަށް އެ ދެ ކްލަބުން މަޝްވަރާކުރިނަމަވެސް އެކަންވެސް ކާމިޔާބުވާގޮތެއްނުވިއެވެ.

މީގެ ދެ އަހަރު ކުރިން، އެވަޓަން އިން 75 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ޔުނައިޓެޑަށް ބަދަލުވެ ލުކާކޫ އަށް އެ ޓީމުގައި މިހާތަނަށް އައިއިރު މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ނިމިދިޔަ ސީޒަނުގައި ލީގުގައި އެ ޓީމަށް ކުޅެދިން 32 މެޗުގައި އޭނާ އަށް ޖެހުނީ އެންމެ 12 ލަނޑެވެ.

ޔުނައިޓެޑުން ވަނީ މިހާތަނަށް އައިއިރު ސްވަންސީ ސިޓީގެ ޑެނިއެލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ ފުލްބެކް އާރޮން ވަން-ބިސާކާގެ އިތުރުން ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލެސްޓާ ސިޓީން ހެރީ މެގުއާ ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *