ރިޔާސީ ކޮމިޝަނުން ބޭންކުން މައުލޫމާތު ހޯދުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިފަދައިން ހުކުމް ކޮށްފައިވަނީ، ބީއެމްއެލްގެ ފަރާތުން ރިޔާސީ ކޮމިޝަނާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައެވެ. އެގޮތުން އެމައްސަލައިގައި ބީއެމްއެލްއިން އެދިފައިވަނީ، ރިޔާސީ ކޮމިޝަނުން އެދޭ މައުލޫމާތުތައް ކޯޓުއަމުރެއް ނެތި ފޯރުކޮށްދެވެން ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ބުނެފައިވަނީ މައުލޫމާތު ދިނުމުގައި އަމަލުކުރަންޖެހޭ ގޮތް ބޭންކިން ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން ޖިނާއީ ކުށްތައް ތަހުޤީޤުކުރުމުގެ ޤާނޫނީ ބާރުލިބިގެންވާ ފަރާތްތަކުން ލިޔުމުން އެދިއްޖެ ހާލަތެއްގައި މައުލޫމާތު ފޯރުކޮށްދޭންޖެހޭނެކަމަށް އެޤާނޫނުގައި ބުނެފައިވެއެވެ.
ސިވިލް ކޯޓުން ބީއެމްއެލްއާއި ދެކޮޅަށް ކުރި ހުކުމުގައި ބުނެފައިވަނީ، ކޯޓު އަމުރެއް ނެތްނަމަވެސް ރިޔާސީ ކޮމިޝަނުން ދީފައިވާ ލިޔުމަށް ބިނާކޮށް އެކޮމިޝަނަށް ބޭންކުން މައުލޫމާތު ދޭންޖެހޭނެކަމަށެވެ.