ކަޝްމީރުގެ އިންޑިއާ ފަޅި ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާއިން ނިންމި ނިންމުމަށް ރާއްޖެއިން ތާއިދުކޮށް ރާއްޖެއިން އިންޑިއާ ދިފާއުކޮށްފި އެވެ.
ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓުތަކާ ދެމެދުގައި އޮންނަ ތަފާތުތަކަށް ބާރު ލިބޭ، ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލިކަން އިއުލާންކޮށް، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެއާއި އެކު ޖައްމޫ އެންޑް ކަޝްމީރުގެ ނަމުގައި މިހާރު އޮތް ސްޓޭޓު އުވާލުމަށް ވަނީ ހުށަހަޅާފައެވެ.
އެ މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނުގައި ބުނީ އިންޑިއާގެ ނިންމުމަކީ އެގައުމުގެ ދާހިލީ މައްސަލައެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށާއި، އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ކަަމަށާއި އަދި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުމުގެ ބާރު އެގައުމަށް ލިބިފައިވާ ކަމަށެވެ.
ކަޝްމީރުގައި އިންޑިއާގެ ސިފައިން މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. ކަޝްމީރުގެ މުސްލިމު ލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި އިމްތިޔާޒުތައް އުވާލައި، މައި ސަރުކާރުގެ ސީދާ ބާރު ހިނގާ ހިނގާ ސްޓޭޓަކަށް ކަޝްމީރު ހެދުމަކީ މުސްލިމުންގެ އަޣުލަބިއްޔަތު ނަގާލުމެވެ.