ހެނދުނު ހޭލެވެނީ ކުކުޅު ހާގެ "ކައްކަކާކޫގެ" ހިތްގައިމު އަޑަށެވެ. ކޮންމެވެސް ވަރަކަށް ކޮވެލި ކައުޅުގެ މިއުޒިކީ ރާގުތަކުގެ އަޑުވެސް އިވޭނެއެވެ. ފެނުން ތޮޅިލި ގޮތަށް ރަކިވެފައި އިން އިރުން އެދޭ ގަދަ އޮރެންޖު ކުލައިގެ އަވި (ބޭސް އަވިން) ނިދީގެ އަސަރު މުޅި ގައިން ކަނޑުވާދެއެވެ. ދިގަށް ދެމިލާފައި ހުރި ދިވެހި ރުށްތަކުގެ ފަންތައް ކޭއްތޭ އަޑާއި، ބިޔަ ގަސްތަކުގެ ސަބަބުން އެލިބޭ ފިނި ކަމަށާއި، ތެތް ވައިރޯޅިތަކުގެ ސަބަބުން މުޅި މީހާއަށް އިތުރު ހިތްހަމަ ޖެހުމެއް ލިބެއެވެ. މިއީ ރަށްފުށުގެ ދިރިއުޅުމެވެ. ނިކަން އަޑުއައްސަވާށެވެ.

ހެނދުނު ހޭލައިގެން ރަށުތެރެ ބަލާލާ މީހަކަށް ހީވާނީ ރަށަށް އިއްޒަތްތެރިއަކު އަރަނީ ހެންނެވެ. ވާނީވެސް އެހެންތާއެވެ. ހީވާގި ކަނބަލުން އެ މީހުންގެ އިލޮށިފަތިތަކުގެ ކުޅަދާނަކަން އެހުރީ ނިކަން ރަނގަޅަށްވެސް ދައްކާލައިފައެވެ. ބޮޑުވާ ބިއްލޫރި އަޅައިގެންވެސް ކުނި ކޮޅެއް ނުފެންނަ ވަރަށް މަގުތައް އެހުރީ ކުނިކަހާ ސާފުކޮށްފައެވެ. މިވަރަކުން އަދި ނުފުދެއެވެ. ބައި ހަދާލާފައި އަންހެން ވެރީން އެހެރެގެންދަނީ ރަށުގެ ފުށްޓަރަށެވެ. ހުދު އަކިރިން ގޭދޮށް ޒީނަތްތެރިކުރުމަށް އަކިރި ބަލައެވެ. އެއިރު ފިރިހެން ވެރީން އެމީހުންގެ މަސައްކަތުގައި ހޭލަމޭލައަށް އުޅޭނެއެވެ.

އާންމުކޮށް ރަށްފުށުގައި ދިރިއުޅޭ ގިނަ ފިރިހެނުންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހުންނެވެ. ދަނޑުވެރިއެއް ނަމަ ދަނޑު ހައްދައިގެން ލިބޭ އާމްދަނީއިންނެވެ. މަސްވެރިއެއް ނަމަ މަހަށް ގޮސްގެން ލިބޭ ފައިސާއިންނެވެ. ރާނާ މީހުންނާއި ވަޑީން އެމީހުންގެ ހުނަރު ވިއްކައިގެން ލިބޭ އާމްދަނީއިންނެވެ. ރަށްފުށުގައި ދިރިއުޅޭ ފިރިހެންވެރީން އާމްދަނީ ހޯދަނީ މިފަދަ ގޮތަކަށެވެ. ހިތްހަމަ ޖެހުމާއި، މަޖުބޫރުކަމެއް ނެތި ކުރާ ހަލާލު މަސައްކަތުންނެވެ. އަނބިދަރީން ކައިރީގައި ތިބެގެން ކުރާ މަސައްކަތުންނެވެ.

ރަށްފުށު ދިރިއުޅުމަށް އެންމެ ބޮޑަށް ލޯބިކުރެވެނީ ރަށްފުށުގައި އެލިބޭ ހިތްހަމަ ޖެހުމުގެ ސަބަބުންނެވެ. ހަޤީޤީ މިނިވަންކަން އިހްސާސް ކުރެވޭނީ ރަށްފުށުގައި އުޅެގެންނެވެ. ހާސްކަމެއް، ބިރެއް ނެތި ކުޑަކުދީން ހޭލަމޭލައެއް އެކި ކުރިވަރުތަކުގައި މަސްއޫލުވެ އެއުޅެނީ ހިނިތުންވުމާއި އެކުގައެވެ. ބަރުގޮނުގެ ހުތުރު އަޑު ކަންފަތުގައި ޖެހެނީ މަދު ފަހަރެއްގައެވެ. ވެހިކަލްތަކާއި ހެދި ހިނގާނުލެވިގެން އުޅޭކަށް ނުޖެހެއެވެ.

ވަށައިގެން މޫދު އެކުލެވިގެން ވުމީ ރަށްފުށުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ. ހުރިހާ ސަރަހައްދަކަށް މޫދަށް އެރުން މަނާ މަދު ރަށެއްގައި ނޫނީ ނޯންނާނެއެވެ. ރީތި ދޮންވެލި ތުނޑިތަކުން ހިތްއުފާކުރަމުން ކުރިމަތީގައި ފެންނާން އޮތް ވިލުނޫކުލައިގެ މޫދުން ފެންވަރާލަން ނޭދޭނީ ފަހެ ކާކުތޯއެވެ؟

ރަށްފުށުގައި ދިރިއުޅޭ ގިނަ މީހުން ދިރިއުޅެމުން އަންނަނީ ހިތްހަމަ ޖެހިގެން ފުދިގެންނެވެ. ގިނަ މީހުންގެ މޫނުން ފެންނާނީ ހިނިތުންވުމާއި، އުފާވެރިކަމުގެ ކުލަވަރެވެ.. ދުވަހަކުވެސް ރަށްފުށުގެ ހަމަޖެހޭ ދިރިއުޅުން ދޫކުރަން އެބައިމީހުން ބޭނުން ނުވާނެއެވެ. ރަށްފުށުގެ ފޮނި ދިރިއުޅުން ތަޖުރިބާކޮށްފައިވާ މީހަކު އެ ދިރިއުޅުން ދޫކުރަން ބޭނުން ނުވާނެ ކަމީ ޔަޤީންވެ ކަށަވަރުވާ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.