މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން، މިހާރު އެ ޓީމުގެ އަމާޒަކީ އިންޓަ މިލާންގެ ފޯވާޑް މައުރޯ އިކާޑީކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީގެކުރީން، ޔުވެންޓަސްގެ ތަރި ޑިބާލާ އާއި ޔުނައިޓެޑްގެ ލުކާކޫ ބަދަލުކުރަން ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުން ދެ ޓީމުން ވަނީ ހުއްޓާލާފައެވެ. އެ ޑީލް ކުރިއަށް ނުދިޔައީ ޑިބާލާ ބޭނުންވާ ވަރުގެ މުސާރައެއްގެ އިތުރުން އޭނާ ހުށަހަޅާ ބައެއް ކަންތައްތައް ކޮންޓްރެކްޓްގައި ހިމަނަން ޔުނައިޓެޑުން ދެކޮޅު ހެދުމުންނެވެ.

އެގޮތުން، މިހާރު ޔުވެންޓަސްގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯވެސް ބޮޑަށް ބޭނުންވަނީ އާޖެންޓީނާގެ ފޯވާޑް އިކާޑީ ގެނައުމަށެވެ. އެކަމަކު، އެ ޓީމަށް އިކާޑީ ގެނެވެން އޮތީ މިހާރު ތިބި ފޯވާޑުންކަމަށްވާ ގޮންޒާލޯ ހިގުއައިން އާއި މާރިއޯ މަންޒުކިޗްގެ އިތުރުން ޑިބާލާވެސް ދޫކޮށްލައިގެންނެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު ހިގުއައިންގެ އިތުރުން މަންޒުކިޗް ގެންދިއުމަށް ހުށަހެޅުންތަކެއް ލިބިފައެއްނުވެއެވެ.

2013 ވަނަ އަހަރު ސަމްޕްޑޯރިއާ އިން 13 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އިންޓަ އަށް ބަދަލުވެ އިކާޑީ މޮޅު ކުޅުމެއް ދައްކަމުންއައިނަމަވެސް، ނިމިދިޔަ ސީޒަނުގައި ތަފާތު އެކި ސަބަބުތަކާހުރެ އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. އެގޮތުން، ލީގުގައި އެ ޓީމަށް ކުޅެދިން 29 މެޗުގައި ޖެހުނީ އެންމެ 11 ލަނޑެވެ.

އިންޓައާ އިކާޑީ ދެމެދު އޮތް ގުޅުން ގޯސްފައިވާއިރު، މިދިޔަ ސީޒަނުގައި ކޮންޓްރެކްޓް އާކުރުމުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އޭނާ އަތުން ކެޕްޓަން ބޭންޑްވެސް ވަނީ އަތުލާފައެވެ. މީގެއިތުރުން، އާ ސީޒަނަށް އެ ޓީމާ ހަވާލުވި ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭންގައިވެސް އިކާޑީ ނުހިމެނެއެވެ. އެކަމަކު، އިންޓަ އިން އޭނާ ވިއްކާލާނީ މަދުވެގެން 70 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެހެންކަމުން، މިވަގުތަށް ބަލާއިރު ޔުވެންޓަސްގެ އިތުރުން އިންޓަވެސް މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ ފޯވާޑެއް ގެނައުމަށް ކަމަށްވާއިރު، މިހާރު އެކަމަށް އޮތް ހައްލަކީ އިކާޑީ، ޔުވެންޓަސް އަށް ވިއްކާލުމަށްފަހު އިންޓަ އަށް ލުކާކޫ ގެނައުންކަމަށް ރިޕޯޓްތައް ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.