ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން (ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން) ގައި ދިވެހިރާއްޖެއިން މިއަދު ސޮއި ކޮށްފިއެވެ.
މިއަދު ސިންގަޕޫރުގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި މުޢާހަދާގައި ސޮއިކުރެއްވީ، ޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މި މުޢާހަދާއަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ ވިޔަފާރީގެ މައްސަލަތަކުން އުފެދޭ ބައިނަލްއަޤްވާމީ ސެޓްލްމަންޓް އެގްރީމަންޓުތައް، މުޢާހަދާގައި ބައިވެރިވާ ޤައުމުތަކުން ބަލައިގަނެ، އެ ޤައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޛުކުރުމުގައި ޤައުމުތަކުގެ މެދުގައި އެއް އުޞޫލުތަކަކާއި އިންތިޒާމްތަކެއް ޤާއިމުކުރުމަށް އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑެކެވެ.
އަދި މި މުއާހަދާ ތަންފީޒުކުރުމަށްޓަކައި ކަމާ ބެހޭ ޤާނޫނެއް ބޭނުންވާތީ އެފަދަ ޤާނޫނެއް ވުޖޫދަށް ގެނެވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމާއި، ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަށެވެ.