މިއަދު މި ފާހަގަކުރެވެނީ ދިވެހިން މިނިވަން ޑިމޮކްރަސީއަކަށް ކުރި ދަތުރުގައި ޤާނޫނީ ކުލަ ޖެހި ތަސްދީޤުކުރެވުނު ފެހި ޤާނޫނުއަސާސީއަށް 11 އަހަރު ފެރޭ ދުވަހުގެ ގޮތުގައެވެ. އާދެ! 2008 އޮގަސްޓް 07 ވަނަ ދުވަހަކީ މި ރާއްޖޭގައި އޭގެ ކުރިން އަމަލުކުރަމުން އައި ނޫ ޤާނޫނުއަސާސީއަށް އަމަލުކުރުން ހުއްޓާލާ ޑިމޮކްރަސީގެ މިނިވަން ވަޔާއި އެކު ފެހި ޤާނޫނުއަސާސީ ތަސްދީޤު ކުރި ދުވަހެެވެ.

ރާއްޖޭގެ ޤާނޫނުއަސާސީގެ ތާރީޚު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނުއަސާސީއެއް އެކުލަވާލާ އަމަލުކުރަން ފަށްޓާފައިވަނީ 22 ޑިސެމްބަރު 1932 ހުގައެވެ. 29 މާއްދާއެއްގެ މައްޗަށް އެކުލެވޭ އެ ޤާނޫނުއަސާސީ ތަސްދީޤުކުރެއްވީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރަދުންނެވެ. މިހާރު އަމަލުކުރަމުންދަނީ ރާއްޖޭގެ ފަނަރަވަނަ ޤާނޫނުއަސާސީއަށް ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. ނުވަތަ މިއީ ފަނަރަވަނައަށް އިސްލާހު ކުރެވުނު ޤާނޫނުއަސާސީއޭވެސް ބުނެއުޅެއެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއަށް އަމަލުކުރުމުގެ ކުރިން ދިވެހިން އަމަލުކުރަމުން ގޮސްފައިވަނީ 1998 ވަނަ އަހަރު ތަސްދީޤު ކުރި ނޫ ޤާނޫނުއަސާސީއަށެވެ. އޭގެ ފަހުން ޑިމޮކްރަސީއަށް ދިވެހިން ކުރި ދަތުރުގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ފެހި ޤާނޫނުއަސާސީ އެކުލަވާލެވި ފެހި ޤާނޫނުއަސާސީ ތަސްދީޤު ކޮށްފައިވަނީ 07 އޮގަސްޓް 2008 ދުވަހުގެ ރޭގައެވެ.

ނޫ ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފެށުން

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ސަތާރަ އަހަރުން އިސްލާހުކޮށް އަމަލުކުރަންފެށި ޤާނޫނުއަސާސީ އަލުން އިސްލާހު ކުރުމަށް އެމަނިކުފާނު ނިންމެވީ، އޭރުގެ ސިޔާސީ ހަލަބޮލި ކަމާއި އެކު ކުރިމަތިވި އެކިއެކި ފިއްތުންތަކުގެ ސަބަބުން، އެމަނިކުފާނު ފެއްޓެވި އިސްލާހީ އެޖެންޑާގެ ދަށުން 2004 ވަނަ އަހަރުއެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ ޚާއްސަ މަޖިލިސް އެކުލަވާ ލެއްވީ 2004 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އެ މަޖިލީހުގެ ރިޔާސަތުގައި އެންމެ ފުރަތަމަ އިންނެވީ އައްބާސް އިބްރާހިމެވެ. ޚާއްސަ މަޖިލީހުގެ ޖަލްސާތަކުގައި މައްސަލަތަކުގައި ޚިޔާލު ތަފާތުވެ ޖަލްސާތައް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނު ކިތަންމެ ފަހަރެއް ދިޔައެވެ. އެހެން ކަމުން އޭރުވެސް މަޖިލީހުގެ ރިޔާސަތަށް ނުހަނު ބޮޑު ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ނަތީޖާއެއްގެ ގޮތުން ޚާއްސަ މަޖިލީހުގެ ރައީސް އައްބާސްގެ އިތުބާރުނެތްކަމުގެ ވޯޓް 2 ފަހަރަށް ނެގުނެވެ. ދެ ފަހަރުވެސް އެވޯޓުން ކާމިޔާބެ ވެވަޑައިގެން ރިޔާސަތުގެ ގޮނޑި އައްބާސް ދިފާއުކުރެއްވިއެވެ.

އެހެންނަމަވެސް ދެވަނަ ފަހަރުގެ ވޯޓަށްފަހު ރައީސް ކަމުގެ މަޤާމުން އައްބާސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ. އައްބާސް މަޤާމުން އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ކުރީ ޚާއްސަ މަޖިލީހުގެ އދ. އަތޮޅުގެ މެމްބަރު އަދި މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ.

ފެހި ޤާނޫނުއަސާސިއަށް ގެނެވުނު އިސްލާހުތައް

މިހާރު އަމަލުކުރަމުން މިދާ ފެހި ޤާނޫނުއަސާސީ ޖުމުލަ 4 ފަހަރެއްގެ މަތިން ބަދަލުކޮށްފައިވެއެވެ. އެންމެ ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި 2 ފަހަރަކު ޤާނޫނުއަސާސީ އަށް ބަދަލުގެނެސްފައިވެއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލުތައް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ކުރިން އޮތްގޮތަށް ޢިޔާދަކުރެއްވިއެވެ.

ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތައް:

1) ނައިބު ރައީސްގެ މަޤާމަށް އަހުމަދު އަދީބު ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ބަދަލުގެނައި.

2) ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) އަދި (ށ) އިސްލާހުކޮށް އިތުރު ބާބެއް ( 15 ވަނަ ބާބު "ޝަރުތު ފުރިހަމަވާ ޕްރޮޖެކްޓަށް ބިމުގެ މިލްކުވެރިކަމުގެ ހައްޤު ދޫކުރުން") އިތުރުކުރެވި ބަދަލުގެނެވުނު.

3) ޤާނޫނު އަސާސީއަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެވުނު ފުރަތަމަ އިސްލާހު، ރައްޔިތުންގެ މަޖިލީހުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބާތިލުކޮށް ކުރިން އޮތްގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރެވުނު.

4) ޤާނޫނުއަސާސީއަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެވުނު ދެވަނަ އިސްލާހު، ރައްޔިތުންގެ މަޖިލީހުން 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ދުވަހު ބާތިލުކޮށް ކުރިން އޮތްގޮތަށް ޤާނޫނުއަސާސީ އިސްލާހު ކުރެވުނު.

ފުރިހަމަ ޑިމޮކްރަސީއަކަށް ކުރެވޭ ދިގު ދަތުރު

ފެހި ޤާނޫނުއަސާސީގެ ދަށުން މި ރާއްޖޭގައި އެންމެ ފުރަތަމަ ވެރިކަން ކުރެއްވީ އެޤާނޫނުއަސާސީ ތަސްދީޤު ކުރެއްވި އޭރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ހަމަ ގައިމުވެސް ޑިމޮކްރަސީގެ ފޮނި މީރުކަން ދިވެހިންނަށް ގެނެސްދެއްވީ ރައީސް މައުމޫނެވެ.

އެޤާނޫނުއަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ އިންތިޚާބުން ރައީސް މައުމޫނަށް ނާކާމިޔާބީއާއި ކުރިމަތިވެ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް މުހައްމަދު ނަޝީދެވެ. ދިވެހި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެތަކެއް ޤުރުބާނީއެއްވެލެއްވީ ހަމަގައިމުވެސް ރައީސް ނަޝީދެވެ.

އެމަނިކުފާނުގެ ވެރިކަން 07 ފެބްރުއަރީ 2012 ގައި ނިމިގެންދިޔައީ އޭރު އޮތް ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައެވެ. އެހެނަސް އަމަނިކުފާނުވެސް ޤާނޫނުއަސާސީއަށް ބަދަލެއް ގެންނަވާ ބާރުތައް މުށުތެރެއަކަށް ނުލައްވައެވެ. ރައީސް ނަޝީދު އިސްތިއުފާދެއްވުމުން ވެރިކަމާއި ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ނައިބު ރައީސް މުހައްމަދު ވަހީދު ހަސަނެވެ.

ފެހި ޤާނޫނުއަސާސީގެ ދަށުން ބޭއްވި ދެވަނަ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައިސް އަބްދުﷲ ޔާމީނެވެ. ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. ބިން ވިއްކޭގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރެވުނެވެ. ތަރައްޤީޤެ ނަމުގައެވެ. ޤާނޫނުއަސާސީގެ 2 ވަނަ ބާބުން ކަށަވަރު ކޮށްދިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެހެން ޤާނޫނެއްގެ ދަށުން ހަނިކޮށްލީ ޤާނޫނީ ހަމަތަކާއި އާއްމު ޤާނޫނީ ޤާއިދާތަކާއި ޚިލާފަށެވެ. އެއްވެ އުޅުމަށް ޤާނޫނުއަސާސީން ލިބިދީފައިވާ ހައްޤުތައް އެހެން ޤާނޫނެއްގެ ދަށުން ހަނިކޮށްލިއެވެ. ވެރިކަން ދިފާއުކުރެއްވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލިސް ތަޅުލާ އެތަނަށް ރަޔަޓް ގިޔަރުގައި ސިފައިން ވައްދާ ރައްޔިތުންގެ މަޖިލިސް ތެރެއަށް ޕްޕާސްޕްރޭޖަހާ އެމަޖިލީހުގެ މެމްބަރުން މަޖިލީހުން ބޭރުކުރިއެވެ. ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން އެތަނަށްވަދެ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްގެން ނެރުއްވިއެވެ. ކުރީގެ 2 ރައީސުން ހައްޔަރުކޮށް ޖަލު ބަންދުގައި ބޭތިއްބިއެވެ. އެތައް ސިޔާސީ ވެރިންނެއް އަދި އެތަކެއް ރައްޔިތުންނަކަށް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިބެންޖެހުނެވެ. ނޫސްވެރިންނަށް ޖެހުނީ ފުލުހުންގެ މުގުރުގެ ފިރުމުންތަކަށް ކެތްކޮށްލާށެވެ.

އާޚިރުގައި ނިމިގެންދިޔައީ ފެހިޤާނޫނުއަސާސީގެ ދަށުން ބޭއްވި ތިންވަނަ ރިޔާސީ އިންތިޚާބުގައި އެއްބުރުން ބަލިވެގެންނެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީ އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މަޖިލީހުގެ ސުޕާމެޖޯރިޓީ ރައީސް ސޯލިހަށް ރައްޔިތުން ދެއްވިއެވެ.

ރައްޔިތުން މާޒީ އިޔާދަވާކަށް ބޭނުމެއް ނުވެއެވެ. ޑިމޮކްރަސީގައި ފަހަތަށް ފިޔަވަޅެއް އަޅާކަށް ބޭނުމެއް ނުވެއެވެ. ރައްޔިތުން ބޭނުންވަނީ މި ޤާނޫނުއަސާސީއާއި އެކު ފުރިހަމަ ޑިމޮކްރަސީއަކަށް ކުރެވޭ ދިގު ދަތުރުގައި ކުރިއަށް ދިއުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.