އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުތަކާއި ރަށްތަކުގެ އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑަކޮށް އެކަމުގައި މަންފާ ލިބުނު މީހުންގެ މައުލޫމާތު ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޤަފޫރު ކްރިމިނަލް ކޯޓުގައި އިއްޔެ އިއުތިރާފްވެވަޑައިގެންފި އެވެ.
އަދީބު ކުށަށް އިއުތިރާފްވެވަޑައިގަތީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
އަދީބު ކުށަށް އިއުތިރާފު ވުމުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އިން އަދީބުގެ މައްޗަށް ދައުވާ ނުއުފުލުން ވެސް އެކަށީގެންވެއެވެ. އަދި ފަހަރުގައި އަދަބު ކުޑަވުންވެސް އެކަށީގެންވެއެވެ.
ކްރިމިނަލް ކޯޓުގައި އަދީބު ވަނީ ކުށަށް އިއުތިރާފުވުމާއި އެކު ތަހުޤީޤަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުން ކަމަށް ބުނެފި ނަމަ ދައުވާ ނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް އެއްބަސްވުމެއް ހެދިދާނެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތެވެ.