ހޯމް މިނިސްޓާރ އިމްރާން އަބްދުﷲ މަސައްކަތް ކުރެއްވީ ޝަރީއަތަށް ސީދާ ނުފޫޒު ފޯރުވުމަށްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެމްބަރު ސައީދު އެފަދައިން ވިދާޅުވެފައިވަނީ، ހޯމް މިނިސްޓާރ އިމްރާން، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ބިރުދެއްކި ކަމަށްބުނާ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ސައީދު ވިދާޅުވީ، ހޯމް މިނިސްޓަރ އިމްރާން އޭސީސީގެ ކުރީގެ ރައީސް ލުތުފީއަށް ބިރުދައްކާ ފްރޭމް ކުރާނޭ ކަމުގެ އިންޒާރު ދީފައިވާކަމަށް ލުތުފީ މީޑީޔާގައި ބުނެފައިވާއިރު، މިނިސްޓަރ އިމްރާން އެކަން "މުތުލަޤަށް" ދޮގު ކުރައްވާފައިނުވާކަމަށެވެ.
ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، ސައީދު ވިދާޅުވީ އިމްރާންގެ އަމަލުތަކަކީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ.
"ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ މި އަމަލުތަކަކީ ޝަރީއަތްތަކަށް ސީދާ ނުފޫޒު ފޯރުވުމަށް ހިންގާފައިވާ އަމަލެއް ކަމާއި އިންސާފުވެރިކަން ހޯދައިދިނުމަށް ވަކާލާތުކޮށް އައި ސަރުކާރެއްގެ ހޯމް މިނިސްޓަރު ބާރުގެ ބޭނުންކޮށްގެން ވަކި ގޮތަކަށް ކަންކަން ނިންމަން ހިންގާފައިވާ ދަށު ދަރަޖައިގެ ފިނޑި އަމަލެއްކަމުގައި ދެކޭތީ" ސައީދު ވިދާޅުވިއެވެ،
ހޯމް މިނިސްޓާރ އިމްރާން އޭސީސީގެ ކުރީގެ ރައީސް ލުތުފީ އަށް އިންޒާރުދީ ބިރުދެއްކިކަމަށް ތުހުމަތު ކޮށްފައިވާއިރު، އެކަމަށް ރައްދުދެއްވާ މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ލުތުފީ ކުރެއްވި ތުހުމަތުތައް ރައްޔިތުން ޤަބޫލުކޮށްފާނެ ކަމަށް ބަޔަކު ޤަބޫލުކުރުމުން އަންތަރީސްވާކަމަށެވެ.