ދިވެހިރާއްޖޭގައި ކުޅިވަރު ކުޅުންތެރިންނާއި އެތުލީޓުންނަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "މިހާރު އެވޯޑްސް" ގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް އަލީ އަޝްފާގް (ދަގަނޑޭ) ހޮވިއްޖެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި، ދަގަނޑޭ އަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ދަގަނޑޭ ވަނީ ނިމިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށްދޭ ރަންބޫޓްވެސް ހޯދާފައެވެ.
އެންމެފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި މެޑަލް ހޯދީ އެތުލީޓުންނަށްވެސް އުރީދޫ މޯލްޑިވްސްގެ ފަރާތުން އަހަރު ދުވަހުގެ ޕެކޭޖެއް ހަދިޔާކޮށްފައިވާއިރު، އެލައިޑް އިންޝުއަރެންސް އިން ވަނީ ތިން ލައްކަ ރުފިޔާގެ ވައުޗާއެއް ކޮންމެ ކުޅުންތެރިއަކަށް ހަދިޔާކޮށްފައެވެ.
ރޭގެ ހަފްލާގައި ދިން އިތުރު އެވޯޑްތަކަށް ބަލާއިރު، "މިހާރު އެވޯޑްސް" ގެ ހާއްސަ އިނާމު، ދިވެހި ކުޅިވަރުގައި ދެއްކި މަތީ ހުނަރު އަގުވަޒަންކޮށް މަރްހޫމް ސައްޔިދު ހަސަން އަށް ދީފައިވާއިރު، ވޮލީބޯޅަ އަށް ހިދުމަތްކުރައްވާފައިވާތީވެ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކުނޑި އަހުމަދު ސަލީމަށް ހާއްސަ އެވޯޑެއް ދީފައިވެއެވެ.
މީގެއިތުރުން، ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފައިވާތީ އަހުމަދު ރިޒްވާން (ރިޒޭ) އަށް ހާއްސަ އެވޯޑެއް ދީފައިވާއިރު، އެންމެފަހުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުން ގައުމީ ޓީމަށްވެސް އެވޯޑެއް ދީފައިވެއެވެ.
މިހާރު އެވޯޑްސް ހާސިލްކުރި ބައެއް ފަރާތްތަކުގެ ލިސްޓު:
- ލައިފްޓައިމް އެޗީވްމަންޓް (ޒާހިރު ނަސީރު އެވޯޑް): ހިޔަލީ މުހައްމަދު ރަޝީދު
- 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ: ހަސަން ރާއިފް (ހަންނަ)
- އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ: އަލީ ހުޒާމް (ހުޒާންޓެ)
- 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ: އަރީޒް މުހައްމަދު
- އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ: އައިޝަތު މާޖިދާ
- 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ: ޝަހާ ޝާމިން
- އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް ކުޅުންތެރިޔާ: މުހައްމަދު އަޖުފާން (ބެޑްމިންޓަން)
- 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް ކުޅުންތެރިޔާ: މުހައްމަދު ނާއިލް (އެތުލެޓިކްސް)
- އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާ: ފާތިމަތު ނަބާހާ (ބެޑްމިންޓަން)
- 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާ: ފާތިމަތު ދީމާ އަލީ (ޓޭބަލް ޓެނިސް)