އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އަނިޔާވެ، އެ ޓީމުން އެމެރިކާ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިނުވެވޭނެކަން ކަށަވަރުވެއްޖެއެވެ.

މެސީގެ ކަނާތު ފައިގެ ކުޑަކަޅުވާ އަށް އަނިޔާވީ ހޯމަ ދުވަހު ކުރިއަށްގެންދިޔަ ބާސެލޯނާގެ ފަރިތަކުރުންތަކުގައެވެ. އެންމެފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށްފަހު ޗުއްޓީގައި އުޅުމަށްފަހު ބާސެލޯނާގެ ފަރިތަކުރުންތަކުގައި ފުރަތަމަ ފަހަރަށް ބައިވެރިވީވެސް އިއްޔެއެވެ.

އުމުރުން 32 އަހަރުގެ މެސީ އަށް ކުރިމަތިވި މިއަނިޔާގެ ސަބަބުން ބާސެލޯނާ އިން އެމެރިކާ އަށް ކުރާ ދަތުރުގެ އިތުރުން ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ބާސެލޯނާ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެފައިވާއިރު، ކުޅުމާ ދުރުގައި ހުންނަންޖެހޭނެ މުއްދަތެއް ކްލަބުގެ އިތުރުން މެސީ ވެސް ހާމަކޮށްފައެއްނުވެއެވެ.

އެކަމަކު، މެސީ ވަނީ މި އަނިޔާ އެހާ ސީރިއަސް ނޫންކަމަށާއި ވަރަށް އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދީފައެވެ. މީގެއިތުރުން، މެސީ ބުނީ އެމެރިކާ ދަތުރުގައި ބައިވެރިވުމަށް ވަރަށް ބޭނުންވިނަމަވެސް، ޓީމުގެ ފަރިތަކުރުންތަކުގައި ކުއްލިގޮތަކަށް ލިބުނު އަނިޔާގެ ސަބަބުން ބައިވެރިނުވެވޭތީވެ ދެރަވާ ކަމަށެވެ.

ނިމިދިޔަ ސީޒަނުގައިވެސް އަނިޔާގެ ސަބަބުން މެސީ އަށް ބައެއް މެޗުތައް ގެއްލިފައިވާއިރު، ބާސެލޯނާގެ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި މެސީ ވަނީ ލީގުގައި ކުޅުނު 34 މެޗުގައި 36 ގޯލް ޖަހާފައެވެ. އަދި މުޅި ސީޒަނުގައި ކުޅުނު 50 މެޗުގައި ޖުމްލަ 51 ލަނޑުޖެހިއެވެ.

ބާސެލޯނާ އިން އެމެރިކާ އަށް ކުރާ ދަތުރުގައި ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގައިވެސް ނިކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ. އެއަށްފަހު، ލީގުގެ ފުރަތަމަ މެޗުގައި މި އޯގަސްޓް މަހުގެ 16 ނުވަތަ 17 ގައި ރަށުންބޭރުގައި ނިކުންނާނީ ބިލްބާއޯއާ ދެކޮޅަށެވެ.

ސްޕެނިޝް ލީގުގެ އާ ސީޒަނުގެ މެޗުތައް ހަފްތާގެ ހޮނިހިރު އަދި އާދީއްތަ ދުވަސް ނޫން އެހެން ދުވަސްތަކުގައި ނުކުޅެވޭނެގޮތް ހަދައިދިނުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެދިފައިވާއިރު، ލަލީގާ އިން މިކަމުގައި ދޫ ދޭން ބޭނުންނުވާތީވެ، ސީޒަން ފެށެން މިހާ ކައިރިވެފައިވާއިރުވެސް، މިކަމުގައި ވަކި ގޮތެއް ނުނިމެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.