އިންސާނާގެ ހަށިގަނޑުގެ 60 އިންސައްތަ ހިއްސާކުރަނީ ފެނެވެ. އެހެންކަމުން ފެނަކީ ދިރިހުރުމަށް ކޮންމެހެން ބޭނުން އެއްޗެކެވެ. ފެނަކީ ހުޅުހުޅުތައް ލުބްރިކޭޓްކޮށްދީ، ހަށިގަނޑުގެ އެކި ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ އިތުރުން ހަށިގަނޑުގެ ފިނިހޫނުމިން ދަމަހައްޓައި، ހަޖަމުކުރުމަށް އެހީވުމާއި ވިހަ މާއްދާތައް ބޭރުކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. ދުވާލަކު މަދުވެގެން 2 ލީޓަރު ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަ އެއާއެކު ވީހާވެސް ބޮޑަށް ފައިދާތައް ލިބިގަތުމަށްޓަކައި ރަނގަޅު ގަޑިތަކުގައި ފެން ބުއިމަކީވެސް މުހިންމު ކަމެކެވެ. ތިރީގައި މިވަނީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ފެން ބޯންވީ ގަޑިތަކެވެ.

1. ހެނދުނު ހޭލުމަށްފަހު

ދުވަސް ފެށުމުގެ ކުރިން ހެނދުނު ފެން ތަށްޓެއް ބޯށެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެ، ދުވަހުގެ ކަންތައްތައް ކުރުމަށް ހަކަތަ ލިބިގެންދާނެ އެވެ. އާދައިގެ ފެން ނުވަތަ ތާފެނާ ފެން ބޯށެވެ. އަދި ފިނިފެން ބުއިމާއި ދުރުހެލިވާށެވެ.

2. ކެއުމުގެ ކުރިން

ކެއުމުގެ ކުރިން ފެން ބުއިމަކީ ބަނޑުފުރާލަދީ، މާގިނައިން ކެއުމުން ދުރުހެލިކޮށްދޭ ކަމެކެވެ. އެގޮތުން ކެއުމުގެ 30 މިނެޓު ކުރިން ފެން ބުއިމުން ޓޭސްޓް ބަޑްތައް އެކްޓިވްވެ، ބަނޑުގެ ބޭރު ފަށަލަ މޮއިސްޗުރައިޒްވެގެންދާނެ އެވެ. އަދި ކުރިން ކައިބޮއެ ހެދި އެއްޗެހީގެ ރަހަވެސް އަނގައިން ފިލައިގެންދާނެ އެވެ.

3. ބަނޑުހައިވާ ވަގުތުތަކުގައި

ބައެއް ފަހަރު ބަނޑުހައިކަން އިހުސާސްކުރެވޭއިރު، ހަޤީޤަތުގައި އެއީ ކަރުހިއްކައިގެންނެވެ. އެހެންކަމުން ދެގަޑި ދޭތެރޭ ބަނޑުހައިވެއްޖެނަމަ، ހަޤީޤަތުގައިވެސް ބަނޑުހައިވޭތޯ ނުވަތަ ކަރުހިއްކަނީތޯ ބެލުމަށް އެއް ތަށި ފެން ބޯލާށެވެ.

4. ކަސްރަތު ކުރުމުގެ ކުރިންނާއި ފަހުން

ޑީހައިޑްރޭޓްވުމުން ރައްކާތެރިވުމަށްޓަކައި ކަސްރަތުކުރުމުގެ ކުރިންނާއި ފަހުން 2-3 ތަށި ފެން ބުއިމަކީ މުހިންމު ކަމެކެވެ. މިގޮތަށް ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ދިޔާތަކީގެ މިންވަރުވެސް ދަމަހައްޓައިދޭނެ އެވެ. އެހެންނަމަވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާގިނައިން ފެން ނުބޯށެވެ. މާގިނައިން އެއްފަހަރާ ފެން ބުއިމުން ބަނޑަށް ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

5. ބަލިވެ އުޅޭނަމަ

ބަލިވެގެން އުޅޭއިރު ގިނައިން ފެން ބުއިމަކީ މުހިންމު ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑު ހައިޑްރޭޓްކޮށްދީ، ވިހަ މާއްދާތައް ބޭރުކޮށް އަދި އަވަހަށް ބަލި ފަސޭހަވުމަށް އެހީތެރިވާނެ އެވެ.

6. ވަރުބަލިވާ ވަގުތުތަކުގައި

މާބޮޑަށް ވަރުބަލިވާ ވަގުތުތަކުގައި ކުޑަކޮށް އަރާމްކުރުމަށްފަހު ފެން ތަށްޓެއް ބޯލާށެވެ. މާބޮޑަށް ވަރުބަލިވުމަކީ ޑީހައިޑްރޭޝަންގެ ނިޝާނެކެވެ. ފެން ބުއިމަކީ ނުނިދިނަމަވެސް، ސިކުނޑި ތާޒާކޮށްދޭނެ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.