އަނބަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް އާންމު، ގިނަ ބަޔަކަށް މީރު، ފޮނި މޭވާއެކެވެ. އަނބުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވީ ނަމަވެސް، އަނބަކީ ސިއްޙީ ގިނަ ފައިދާތަކެއްވެސް ލިއްބައިދޭ މޭވާއެކެވެ. ތިރީގައި މިވަނީ އަނބުން ލިއްބައިދޭ ފަސް ފައިދާއެކެވެ.

1. ކެންސަރުން ރައްކާތެރިކޮށްދޭ

އަނބަކީ ގިނަ އަދަދަކަށް ޕޮލިފީނޯލްސް އެކުލެވިގެންވާ އެއްޗެކެވެ. ޕޮލިފީނޯލްސްގައި ހިމެނޭ އެންޓިއޮކްސިޑެންޓް މާއްދާތަކަކީ ޓައިޕް 2 ޑައިބެޓީސް އާއި ކެންސަރުފަދަ ބަލިތަކަށް މަގުފަހިކޮށްދޭ މައިގަނޑު އެއް ސަބަބު ކަމުގައިވާ ޑީއެންއޭ ގެއްލުންތަކުން ސެލްތައް ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. ޖަނަވާރުންގެ މައްޗަށް ކޮށްފައިވާ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އަނބުގައި އެކުލެވިގެންވާ އެންޓިއޮކްސިޑެންޓްތަކަކީ އުރަމަތީ ކެންސަރު ސެލްތައް ހެދިބޮޑުވުން ހުއްޓުވައިދޭ މާއްދާތަކެކެވެ.

2. ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ

އެއް ޖޯޑު އަނބުގައި ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ވިޓަމިން އޭ ބޭނުންވާ މިންވަރުގެ 1/4 ހިމެނެއެވެ. ވިޓަމިން އޭ އަކީ ދިފާޢީ ނިޒާމް ރަނގަޅަށް މަސައްކަތްކުރުމަށާއި، ވައިޓް ބްލަޑް ސެލްތައް އުފައްދައިދިނުމަށް ކޮންމެހެން ބޭނުންވާ އަސާސީ ނިއުޓްރިއެންޓެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން އޭ ނުލިބުމަކީ އިންފެކްޝަންތައް ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

3. ހަންގަނޑާއި އިސްތަށިގަނޑު ދުޅަހެޔޮކޮށްދޭ

އަނބުގައި އެކުލެވިގެންވާ ވިޓަމިން އޭ އަކީ ހަމާއި އިސްތަށީގެ އިތުރުން ސަބޭޝަސް ގްލޭންޑްސްފަދަ އެޕިތީލިއަލް ޓިޝޫތައް ހެދިބޮޑުވެ، ދަމަހައްޓައިދިނުމަށް ބޭނުންވާ މާއްދާއެކެވެ. ހެއަރ ފޮލިކަލްސް އާއި ގުޅިފައިވާ ސަބޭޝަސް ގްލޭންޑްސް އަކީ އިސްތަށި މޮއިސްޗުރައިޒްކޮށް، ދުޅަހެޔޮކޮށް ހުރުމަށް އެހީވެދޭ އެއްޗެކެވެ. އިސްތަށި ފޭބުމާއި ވިޓަމިން އޭ މަދުވުމާއި ގުޅުމެއްވާ ކަމަށް ޖަނަވާރުންގެ މައްޗަށް ކޮށްފައިވާ ދިރާސާތަކުން ވަނީ ހޯދައިފަ އެވެ. އެއް ޖޯޑު އަނބުގައި ދުވާލެއްގެ މައްޗަށް ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 75 އިންސައްތަ ހިމެނޭއިރު، ވިޓަމިން ސީ އަކީ ކޮލާޖެން އުފެއްދުމަށް ބޭނުންވާ ނިއުޓްރިއެންޓެކެވެ. ކޮލާޖެން އަކީ ހަންގަނޑު އިލާސްޓިކްކޮށްދީ، ރޫޖެހުމުން ރައްކާތެރިކޮށްދޭ ޓިޝޫއެކެވެ.

4. ބަނޑުހަރުވުން ރަނގަޅުކޮށްދޭ

ދާއިމީކޮށް ބަނޑުހަރުވުމުގެ މައްސަލަ ޖެހޭ މީހުންގެ މައްޗަށް ކޮށްފައިވާ ދިރާސާއަކުން ހޯދި ގޮތުގައި އަނބު ކެއުމަކީ އައިސޮލޭޓެޑް ފައިބާ ކެއުމަށްވުރެ ރަނގަޅު ކަމެއް ކަމަށެވެ. އެހެންނަމަވެސް އަނބަކީ ގިނަ އަދަދަކަށް 'ފާމެންޓެބަލް އޯލިގޯ-، ޑައި-، މޮނޮ-ސެކަރައިޑްސް އެންޑް ޕޮލިއޯލްސް' (ފޮޑްމެޕް) އެކުލެވިގެންވާ މޭވާއެކެވެ. އެހެންކަމުން އަނބު ކެއުމަކީ ގޭސްގެ މައްސަލަޖެހި، ބަނޑު ފުއްޕުމަށް މެދުވެރިވެދާނެ ކަމެކެވެ.

5. ހަކުރު ކޮންޓްރޯލްކޮށްދޭ

އެހާގިނައިން ހަކުރު ހިމެނޭ މޭވާއަކުން ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅުކޮށްދޭ ކަމަކީ ހައިރާންވެދާނެ ކަމެކެވެ. އެހެންނަމަވެސް އޮކްލަހޯމާ ސްޓޭޓް ޔުނިވާސިޓީ އިން ކުރި ދިރާސާއަކުން ވަނީ އެކަން ސާބިތުކޮށްދީފަ އެވެ. 12 ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދިޔަ އެ ދިރާސާގައި 'އޮބީސް' ނުވަތަ މާބޮޑަށް ފަލަ 20 އަންހެނުންނާއި ފިރިހެނުން ވަނީ ބައިވެރިވެފަ އެވެ. އަދި އެމީހުން ވަނީ އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު 10 ގްރާމް ފުނޑާފައިހުރި، ގަނޑުކުރި އަނބު (ގާތްގަނޑަކަށް ތާޒާ އަނބެއްގެ 1/2) ކައިފައެވެ. ދިރާސާ ފެށިއިރާއި އަޅާބަލާއިރު ދިރާސާ ނިމުނުއިރު އެމީހުންގެ ގްލުކޯޒް ލެވެލްތައް ވަނީ ދަށްވެފައި ކަމަށް ދިރާސާވެރިން ބުނެއެވެ. ލަފާކުރެވޭ ގޮތުގައި އެގޮތަށް ގްލުކޯޒް ލެވެލް ކޮންޓްރޯލްކޮށްދެނީ އަނބުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތައްފަދަ ބައޯއެކްޓިވް މާއްދާތަކަކުންނެވެ.

6. ލޮލުގެ ސިއްޙަތު ރަނގަޅުކޮށްދޭ

އަނބުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކެއް ކަމުގައިވާ ލޫޓީން އާއި ޒިއެކްސެންތިން އަކީ އެކި ގޮތްގޮތުން ލޯ ރަނގަޅުކޮށްދޭ މާއްދާތަކެކެވެ. ލޮލުގެ ރެޓީނާ އާއި ލެންސް ރައްކާތެރިކޮށްދޭ މި ދެ ޤުދުރަތީ މާއްދާއަކީ ފެންނަ ދުރުމިން (ވިޝުއަލް ރޭންޖް) ރަނގަޅުކޮށްދީ، މާގިނައިރު އެއްޗަކަށް ބެލުމުން ކުރާ އަސަރު ކުޑަކޮށްދީ، މާ އަލިގަދަ އެއްޗަކަށް ބެލުމުން ލޮލަށްކުރާ އަސަރުވެސް ކުޑަކޮށްދޭ މާއްދާތަކެކެވެ. މީގެ އިތުރުން މި ދެ މާއްދާއަކީ ނުރައްކާތެރި އަލްޓްރާވައިލެޓް (ޔޫވީ) ދޯދިތަކުން ލޯ ރައްކާތެރިކޮށްދީ، ކެޓަރެކްޓްސް އާއި މެކިއުލަރ ޑީޖެނެރޭޝަން އާއި ހަނގުރާމަކޮށްދޭ މާއްދާތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.