ވެސްޓްހޭމް ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އެޑްރިއަން، ފްރީ ޓްރާންސްފާގައި ލިވަޕޫލަށް ބަދަލުވެއްޖެއެވެ.

އުމުރުން 32 އަހަރުގެ އެޑްރިއަން ވަނީ ލިވަޕޫލާއެކު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. ލިވަޕޫލުން އެޑްރިއަން ގެނައީ ބެލްޖިއަމްގެ ސައިމަން މިނޯލޭ އެ ޓީމު ދޫކޮށް ކްލަބު ބްރޫޖަށް ބަދަލުވުމުންނެވެ.

މީގެކުރީން، ސްޕެއިނުގެ ރެއާލް ބެޓިސް އަށް ކުޅެފައިވާ އެޑްރިއަން 2013 ވަނަ އަހަރު ވެސްޓްހޭމަށް ބަދަލުވެ، ޕްރިމިއާ ލީގުގައި މިހާތަނަށް 125 މެޗުގެ ތެރެއިން 36 މެޗުގައިވަނީ ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފަހައްޓާފައެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ވެސްޓްހޭމްގެ ގޯލް ބަލަހައްޓާފައިވަނީ އެންމެ 5 މެޗުގައެވެ.

ލިވަޕޫލަށް ބަދަލުވުމަށްފަހު އެޑްރިއަން ބުނީ އެ ޓީމަށް އައީ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމުގެ އުއްމީދުގައުކަމަށާއި، އެ ކްލަބުގެ އެއްވަނަ ގޯލްކީޕަރު މަގާމަށް އެލިސަން ބެކާ އަށް ރަނގަޅު ފައިޓެއްދޭނެކަމަށެވެ.

"އަހަރެން މި ޓީމަށް އައީ ގިނަ ކާމިޔާބީތަކެއް ހޯދަން. ހުރިހާ މުބާރާތެއްގައިވެސް އެއްވަނަ ގޯލްކީޕަރުގެ މަގާމަށް އެލިސަން އަށް ރަނގަޅު ފައިޓެއްދޭނަން." އެޑްރިއަން ބުންޏެވެ.

އެޑްރިއަން އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރީން، އެ ޓީމުން ވަނީ ޒުވާން ދެ ކުޅުންތެރިންކަމަށްވާ ސެޕް ވެން ޑެން ބާގް އާއި ހާވޭ އެލިއަޓް ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.