އިސްލާމް ދީނަކީ އެންމެ މަތިވެތި ދީނެވެ. އެއީ އަޅުގަނޑުމެން މުސްލިމުން އުޅެންވީ ގޮތް އެންމެ ރަނގަޅަށް ބަޔާންކުރައްވާފައިވާ ދީންވެސް މެއެވެ. އިސްލާމްދީނަކީ އަދުލަށް ލޯބިކުރާ ދީނެކެވެ. ހަމަހަމަކަމަށް ލޯބިކުރާ މެދުމިންވަރަށް ލޯބިކުރާ ދީނެކެވެ. ނާއިންސާފުން ކުރެވޭ ކަންކަމާއި، ނިގުޅައިގަނެވޭ ހައްޤުތައް ކަށަވަރުކޮށްދޭ ދީނެވެ. އިންސާފުން ކަންކަން ކުރުމަށް އަމުރުކުރާ ދީނެވެ.

ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައިވި ނަމަވެސް އަދުލު އިންސާފުގެ ނިޒާމު މިވަނީ ވަރަށް ބޮޑަށް ތަޢައްޔަރުވެ ކިލަނބުވެފައެވެ. ހުދު އަޅުގަނޑުމެންގެ ރާއްޖޭގެ ފަނޑިޔާރުގެއަށް ބަލާލި ކަމުގައި ވިނަމަވެސް ފެންނާން އޮތީ ހަމަ ދާދި އެއް މަންޒަރެކެވެ. އުސޫލުތަކުގެ މަތިން ނިޔާ އިއްވާ ފަނޑިޔާރުން މަދުވެއްޖެއެވެ. ހަމަ އެއާއި އެކު އަނެކާއަށް ލިބޭނެ ގެއްލުމަކަށް ބެލުމެއް ނެތި ނުވަތަ ދުނިޔޭގެ ރާހަތަށްޓަކައި، ޝަރީއަތުގެ މަޖިލީހުގައި ދޮގު ހެކިބަސް ދޭ މީހުން ނިސްބަތުން މިވަނީ ގިނަވެފައެވެ. ބިރެއް ފިކުރެއް ނެތި ދޮގު ހެކިދޭއިރު، އާހިރުގައި އޭނާއަށް ކަންތައްތައް ވާނެ ގޮތާއި މެދު ކުޑަކޮށްވެސް ވިސްނާ ނުލެވެނީއެވެ. ސުބްހާނަﷲ.. ދޮގު ހެކި ދިނުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ވޭންދެނިވި އަޒާބު ހުރި ކަމެކެވެ. އެއީ މުސްލިމަކަށްވެ ހުރެ ކުރަން ހިތައްވެސް އަރުވައިގެންވާނެ ވަރުގެ ކަމެއް ނޫނެވެ.

‎ރަސޫލުﷲގެ ފާނު ވަނީ ދޮގުހެކިދިނުމަކީ، އެންމެ ބޮޑު ފާފައިގެތެރޭގައި ހިމެނޭ ކަމެއް ކަމުގައި އަންގަވާފައެވެ. އެކަލޭގެފާނުގެ ބަސްފުޅެއްގައި އައިސްފައި ވެއެވެ. "أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ؟" ثَلاَثًا، قُلْنَا: بَلَى يَا رَسُولَ اللَّهِ: قَالَ: "الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ". وَكَانَ مُتَّكِئًا فَجَلَسَ، فَقَالَ: "أَلاَ وَقَوْلُ الزُّورِ، وَشَهَادَةُ الزُّورِ". فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَت". [رواه البخاري ومسلم] މާނައީ: "ރަސޫލު اللَّهِ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އެންމެބޮޑެތި ފާފަތަކަކީ ކޮބައިކަން ތިޔަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟" މިފަދައިން ތިން ފަހަރު ޙަދީޘްކުރެއްވިއެވެ. ތިމަންމެން އަޞްޙާބުން ދެންނެވީމުއެވެ. ވިދާޅުވެދެއްވާށެވެ. އޭاللَّهُގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. {(އެއީ) اللَّهُއަށް ޝަރީކުކުރުމެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ.} މިހެން ޙަދީޘްކުރެއްވި އިރު، އެކަލޭގެފާނު އިންނެވީ، (ތަނެއްގައި) ލެނގިވަޑައިގެންނެވެ. ފަހެ، އެކަލޭގެފާނު ރަނގަޅަށް ހަމަޖެހިވަޑައިގެން އިށީނދެވަޑައިގަތުމަށްފަހު ޙަދީޘްކުރެއްވިއެވެ. {ދަންނާށެވެ. އަދި ދޮގު ބުހުތާން ވާހަކަދެއްކުމެވެ. އަދި ދޮގުހެކިދިނުމެވެ.} ފަހެ، އެކަލޭގެފާނު މި ބަސްފުޅު ހުއްޓަވައި ނުލައްވައި ތަކުތާރުކުރައްވަމުން ގެންދެވިއެވެ. އެއީ (އެކަމުގެ ސަބަބުން އެކަލޭގެފާނަށް އުނދަގޫފުޅެއް ވެދާނެކަމަށްޓަކައި) ދެން ހުއްޓަވައިލައްވާނެނަމަ ކޮންފަދައެއްހޭ ތިމަންމެން ހިތައިފުމަށް ދާނދެނެވެ.

﴿ وَلَا تَكْتُمُوا الشَّهَادَةَ وَمَنْ يَكْتُمْهَا فَإِنَّهُ آثِمٌ قَلْبُهُ وَاللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴾ [البقرة: 283]

މާނައީ "އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާށެވެ! ފަހެ ހެކިބަސް ވަންހަނާކުރާމީހާ ދަންނާށެވެ! އޭނާއަކީ ބޮޑުވެގެންވާ ފާފަވެރިއެއްކަން ކަށަވަރެވެ. އަދި ﷲއީ ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."

‎ދޮގު ހެކި ދެނީ ތިމާގެ އަމިއްލަ ބޭނުމަކައްޓަކައި ނަމަވެސް ނުވަތަ މީހަކު މަޖުބޫރު ކުރުވައިގެން ނަމަވެސް ދޮގު ހެކި ދިނުމަކީ، ހުއްދަ ވާނޭ ކަމެއް ނޫނެވެ. ތިމާއަށް އެހެން ފަރާތަކުން ފައިދާއެއް މަޞްލަޙަތެއް ގެނައުމުގެ މައްޗަށް ދޮގެއް ހަދައި ދިން މީހަކުނަމަ ދޮގުހެދި މީހާއާއި، ދޮގު ހެދުމަށް ބުނި މީހާ އާއި، ދެމީހުންގެ އާޚިރަތުގެ ނަސީބުން މަޙޫރޫމްވެ އަޅުވެތިކަން ބޮޑުކުރާ މުޖުރިމުންގެތެރެއަށް ބޮޑަށް ވެދެވި، ދެމީހުންގެ ނަމުގައި ރިޝްވަތުގެ ސިއްކަ ޖެހޭނޭކަން ކަށަވަރެވެ. އެހެންކަމުން ދުނިޔޭގައި އުޅޭއިރު ރިޝްވަތާއި ދޮގު ހެކި ދިނުމާއި މިހިރަމިހިރަ ފާފަތަކުން ދުރުހެލުވާން ޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.