މެންޗެސްޓާ ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ ހޯދަން ޔުވެންޓަސް އިން ކުރާ މަސައްކަތުގެ ތެރޭގައި އެ ޓީމުގެ ޕައޮލޯ ޑިބާލާ ޔުނައިޓެޑާ ގުޅެން ބޮޑު މުސާރަ އަކަށް ޑިމާންޑުކޮށްފައިވާތީވެ، މަޝްވަރާތައް ހުއްޓާލުމަށް އެ ކްލަބުން ނިންމައިފިކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ޑިބާލާ އާއި ބެލްޖިއަމްގެ 26 އަހަރުގެ ލުކާކޫ ބަދަލުކުރަން ޔުނައިޓެޑާއި ޔުވެންޓަސް އެއްބަސްވުމަކަށް އައިސްފައިވީނަމަވެސް، ދެން އެ ޑީލް އިތުރަށް ކުރިއަށްގެންދާނެކަމަށް ބެލެވެނީ ޑިބާލާ މިހާރު ކިޔާ މުސާރަ ކުޑަކުރުމުންނެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ޑީލް މިހާރު މަޑުޖެހިފައިވަނީ ހަގީގަތުގައި ޔުވެންޓަސް ދޫކޮށްލުމުގެ ވިސްނުމެއް ޑިބާލާ ނުގެންގުޅޭތީވެ އާއި ޚުދު އޭނާ ވެސް ޔުނައިޓެޑަށް ބަދަލުވާން ބޭނުންނުވާތީވެކަމަށެވެ.

އެކަމަކު، ޔުނައިޓެޑްގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފައިވަނީ އާ ސީޒަނަށް އެ ޓީމުން ބޭނުންވަނީ ޒުވާން ކުޅުންތެރިންކަމަށްވާއިރު، އެ ކްލަބުގެ އޮފިޝަލުން ދެކެނީ ޑިބާލާ ގެންދިއުމަށްޓަކައި އަދި އިތުރު މަސައްކަތްތަކެއްކުރުމަކީ އެ ޓީމުގެ އަމާޒަށް ވާސިލްވުމަށް ހުރަސްއެޅޭނެ ކަމެއްގެ ގޮތުގައެވެ.

ޕަލާމޯ އިން 2015 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ފުރަތަމަ ތިން ސީޒަނުގައި ޑިބާލާ ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް، ނިމިދިޔަ ސީޒަނުގައި މާއެދެވޭ ކުޅުމެއްދެއްކިފައިނުވާއިރު، އެޓީމަށް ކުޅުނު 42 މެޗުގައި ޖެހުނީ އެންމެ 10 ގޯލެވެ.

ދާދިފަހުން، ޔުނައިޓެޑުން ވަނީ 80 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލެސްޓާ ސިޓީ އަށް ކުޅެމުން އައި އިންގްލެންޑްގެ ހެރީ މެގުއާ ގެނެސްފައެވެ. މީގެއިތުރުން، އެ ޓީމުން ވަނީ ސްވަންސީ ސިޓީގެ އުއްމީދީ ވިންގާ ޑެނިއެލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ އިނގިރޭސި ފުލްބެކް އާރޮން ވަން-ބިސާކާ ވެސް ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.