އިނގިރޭސިވިލާތުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން 5-4 އިން ލިވަޕޫލް ބަލިކޮށް މެންޗެސްޓާ ސިޓީ އިން އާ ސީޒަނުގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފިއެވެ.

މިއީ ސިޓީން ވިދިވިދިގެން ދެ އަހަރު ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

ކޮމިއުނިޓީ ޝީލްޑް މެޗަކީ ލީގް ޗެމްޕިއަނާއި އެފްއޭކަޕްގެ ޗެމްޕިއަނުން ބައްދަލުކުރާ ކުރިމަތިލުމަކަށްވީނަމަވެސް، މިދިޔަ ސީޒަނުގައި ސިޓީން ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރުމުން ލީގުގެ ރަނަރަޕްގެ ހައިސިއްޔަތުން ޝީލްޑް މެޗުގައި ކުޅުމުގެ ފުރުޞަތު ލިބުނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލަށެވެ.

ލިވަޕޫލުން މި މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ސެނެގޯލްގެ ސަޑިއޯ މާނޭ ފިޔަވާ ހުރިހާ ކުޅުންތެރިންވެސް މި މެޗުގައި ކުޅެފައިވެއެވެ. 

ސިޓީން މި މެޗަށް ނިކުތްއިރު ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި، އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު އެޑަސަން މޮރައެސްގެ ބަދަލުގައި ކްލައުޑިއޯ ބްރާވޯ އަށް ފުރުޞަތުދީފައިވުމާއި، ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑީނިއޯގެ ބަދަލުގައި ދާދިފަހުން އެތުލެޓިކޯ މެޑްރިޑުން އެ ޓީމަށް ގެނައި ރޮޑްރީ ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައިވެއެވެ. މީގެއިތުރުން، އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ބެންޗުން ފުރުޞަތުދީފައިވާއިރު، އެންމެފަހުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް އަލްޖީރިއާ އަށް ކާމިޔާބުކޮށްދިން ރިޔާދް މާރޭޒް ސްކޮޑުގައިވެސް ނުހިމެނެއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު، 12 ވަނަ މިނެޓުގައި ސިޓީ އަށް ޖަހައިދިނީ ޑޭވިޑް ސިލްވާ ދިން ބޯޅައަކުން ރަހީމް ސްޓާލިން އެވެ. މެޗުގެ ކުރީކޮޅު، އެ ޓީމުގެ ލެރޯއީ ސާނޭ އަށް އަނިޔާވެގެން ބަދަލުކުރުމުން އެ ޓީމުގެ ކުޅުން ކުރިއަށްވުރެ ދަށްވިނަމަވެސް، ސިޓީން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއް ލިބުނުއިރު، އެ ޓީމުގެ މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. މީގެއިތުރުން، އެ ޓީމުގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް މެޗުގެ ކުރީކޮޅު ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ސިޓީގެ ގޯލްކީޕަރު ބްރާވޯ މަތަކުރިއެވެ.

ދެވަނަ ހާފުގައިވެސް، ލިވަޕޫލުން މެޗު ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، ފުރަތަމަ ހާފެކޭ އެއްގޮތަށް މި ހާފުގައިވެސް ސަލާހު ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ. އަދި މި ހާފުގެ ކުރީކޮޅު، އެ ޓީމުގެ ވާޖިލް ވެން ޑައިކް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިގައިވެސް ޖެހިފައިވެއެވެ.

މި ހާފުގައި ސިޓީން އެންމެ ރަނގަޅު ފުރުޞަތެއްލިބުނީ ސްޓާލިން އަށެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ސްޓާލިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

ލިވަޕޫލުން ނަތީޖާ އެއްވަރުކުރީ، މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވީ ބޯޅަ ވެން ޑައިކް ޖައްސާލުމުން ޖޮއެލް މެޓިޕް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލުންނެވެ. ލިވަޕޫލްގެ ލަނޑަށްފަހު އެ ޓީމަށް މި މެޗު ކާމިޔާބުކުރުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، މެޗުގެ އިތުރުވަގުތުގައި ސަލާހު ފޮނުވާލި ބޯޅައެއް ސިޓީގެ ކައިލް ވޯކާ ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު، ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓްއައުޓްގައި ސިޓީން ޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، ބެނާޑޯ ސިލްވާ، އޮލެކްސަންޑަ ޒިންޗެންކޯ، އިލްކާއި ގުންޑޮގަން އަދި ފިލް ފޯޑެންގެ އިތުރުން ގެބްރިއެލް ޖެސޫސް އެވެ.

ލިވަޕޫލުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން، ޖޯޖީނިއޯ ވައިނަލްޑަމް ފިޔަވާ ދެން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ، އެޑަމް ލަލާނާ، އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން، ޒެރްޑަން ޝަކީރީ އަދި ސަލާހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.