ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝެލްސްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސީޝެލްސްއަށް ކުރެއްވި މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސީޝެލްސްގެ ރައީސާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުންދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވެއެވެ. މި އެއްބަސްވުންތައް ވެވުނު ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ޓޫރިޒަމާއި، ނޫއިޤްތިޞާދުގެ ދާއިރާއާއި ދެ ޤައުމުގެ ފޮރިންމިނިސްޓްރީގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ކުޅިވަރުގެ ދާއިރާއާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއާއި ޔޫތު ޑިވެލޮޕްމަންޓް ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން ސީޝެލްސްގެ ރައީސް ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މެރިޓައިމް ދާއިރާއިން ސީޝެލްސްގައި މަތީ ތައުލީމު ހާޞިލުކުރުމަށް 4 ސްކޯލަރޝިޕްގެ ފުރުޞަތު ރާއްޖެއަށް ދެއްވާނެކަންވެސް ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި ސީޝެލްސްގެ ސަރުކާރާއެކު ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުމަކީ އެ ދާއިރާއިން ރާއްޖެއަށް ފަހިފުރުޞަތުތަކެއް ފަހިވެގެންދާނެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ކުޅިވަރުގެ ތަޖްރިބާކާރު ފަންނުވެރިންނާއި ކުޅިވަރުގެ ސިޔާސަތު އެކަށައެޅުމުގެ ތަޖުރިބާކާރު ފަރާތްތަކާއި ކޯޗުންގެ އެހީތެރިކަން އެއްޤައުމުން އަނެއް ޤައުމަށް ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން ހިމެނުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ލިބިގެންދާ ފުރުޞަތެއްވެސް މެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.