ސްޓްރޯބެރީ އާއި ލުނބޯ އަކީ ދުނިޔޭގެ އެންމެ ދުޅަހެޔޮ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ދެ ބާވަތެކެވެ. މި ދެ މޭވާގައިވެސް ހަށިގަނޑަށް ރަނގަޅު މިންވަރަކަށް ހަކުރު ހިމެނިގެންވެއެވެ. އެހެންނަމަވެސް ލުނބޯގައި 70 އިންސައްތަ ހަކުރު ހުންނައިރު، ސްޓްރޯބެރީއެއްގައި ހުންނަނީ އެންމެ 40 އިންސައްތަ ހަކުރެވެ.
ސްޓްރޯބެރީ އަށްވުރެ ގިނައިން ހަކުރު ހުރުމާއެކުވެސް ލުނބޯގައި ހުތް ރަހަ ދޭ ސަބަބީ، ލުނބޯގައި ގިނަ އަދަދަކަށް ސިޓްރިކް އެސިޑް އެކުލެވިގެންވާތީ އެވެ. އެގޮތުން ލުނބޯގައި 3 އިންސައްތަ އާއި 6 އިންސައްތަ އާއި ދެމެދުގެ މިންވަރަކަށް ސިޓްރިކް އެސިޑް ހުރުމާއެކު، ލުނބޯގެ ރަހަ ހުތްވެއެވެ. ސްޓްރޯބެރީގައި ލުނބޯ އަށްވުރެ ހަކުރު މަދުނަމަވެސް، ސްޓްރޯބެރީގައި އެއްވެސް އެސިޑެއް ނުހުރެއެވެ.
ލުނބޯގައި ގިނައިން ހަކުރުހުރުމަކީ ފަލަވުމަށް މެދުވެރިވާނެ ކަމެއް ކަމަށް ހީކުރެވުނުނަމަވެސް، ލުނބޯ އަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. އަދި ސްޓާޗްގެ ސިފައިގައި ސްޓްރޯބެރީގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އެކުލެވިގެންވީ ނަމަވެސް، ސްޓްރޯބެރީގައިވެސް ގިނަ ސިއްޙީ ފައިދާތަކެއް ލިއްބައިދެއެވެ. އަދި މި ދެ މޭވާގައިވެސް ހިމެނޭ ހަކުރަށްވުރެ، އެކުލެވިގެންވާ ނިއުޓްރިއެންޓްސްތަކުގެ ސަބަބުން ލިބޭ ފައިދާތައް މާގިނަ އެވެ.
ލުނބޯއިން ލިއްބައިދޭ ސިއްޙީ ފައިދާތައް:
- ޕޮޓޭސިއަމް، އަޔަން، ސޯޑިއަމް އަދި ކެލްސިއަމްފަދަ މިނަރަލްސް އާއި ވިޓަމިން ސީ، އީ، ކޭ، ވިޓަމިން ބީ6 އަދި ވިޓަމިން ބީ9ފަދަ ވިޓަމިންތައް ލުނބޯގައި ހިމެނެއެވެ.
- ލުނބޯ ކެއުމުން ހަށިގަނޑުގެ ޕީއެޗް ލެވެލް ބެލެންސްވެއެވެ. އެހެންކަމުން އެސިޑިޓީ އަދި މެއިން ދިލަނަގާނަމަ ލުނބޯ ކެއުމަކީ ރަނގަޅު ކަމެކެވެ.
- އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތްކުރާ ވިޓަމިން ސީ އެކުލެވިގެންވުމާއެކު، ލުނބޯ އަކީ ކަރުގެ އިންފެކްޝަންތަކަށް އޮތް ރަނގަޅު ފަރުވާއެކެވެ.
- ލުނބޯ އަޅައިގެން ހެނދުނު ތާފެނާ ފެން ބުއިމަކީ ފަލަވުމާއި ހަޖަމުގެ މައްސަލަތައް ރަނގަޅުކޮށްދޭ ކަމެކެވެ.
- ލުނބޯގައި ހިމެނޭ ޕޮޓޭސިއަމް އަކީ ހާޓް ރޭޓް އާއި ބްލަޑް ޕްރެޝަރު ކޮންޓްރޯލްކޮށްދޭ މާއްދާއެކެވެ.
- ކެންސަރު ސެލްތައް ބޮޑުވުމުން ހުއްޓުވައިދޭ ފްލެވޮނޯލް ގްލައިކޮސައިޑްސްފަދަ އެންޓި-ކެންސަރަސް މާއްދާތައް ލުނބޯގައި ހިމެނެއެވެ.
- ލުނބޯގައި އެންޓިބެކްޓީރިއަލް އަދި އެންޓިސެޕްޓިކް މާއްދާތައްވެސް އެކުލެވިގެންވެއެވެ.
- ލުނބޯ އަކީ ދާހިއްލާ މިންވަރު އިތުރުކޮށްދީ، ހުން ރަނގަޅުކޮށްދޭ އެއްޗެކެވެ.
- ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑް އަކީ ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.
- ލުނބޯ އަކީ ދަތާއި ހަންގަނޑަށާއި އިސްތަށިގަނޑަށްވެސް ރަނގަޅު އެއްޗެކެވެ.
ސްޓްރޯބެރީ އިން ލިއްބައިދޭ ސިއްޙީ ފައިދާތައް:
- ސްޓްރޯބެރީގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްތަކާއި ވިޓަމިން ސީގެ އިތުރުން، ޕޮޓޭސިއަމް އާއި މެންގަނީސް އާއި ފައިބާ އަދި ފޯލޭޓްފަދަ މިނަރަލްތައް ހިމެނިގެންވެއެވެ.
- ސްޓްރޯބެރީގައި ހުންނަ އެންޓިއޮކްސިޑެންޓެއް ކަމުގައިވާ ފްލެވޮނޮއިޑްސް އަކީ ލޯހިކުމާއި އިންފެކްޝަންތަކުން ލޯ ރައްކާތެރިކޮށްދޭ މާއްދާއެކެވެ.
- ސްޓްރޯބެރީ އަކީ ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ އެއްޗެކެވެ. ޤަވާއިދުން ސްޓްރޯބެރީ ކެއުމަކީ ހަށިގަނޑަށް ވިޓަމިން ސީ ބޭނުންވާ މިންވަރު މަދުކޮށްދޭ ކަމެކެވެ.
- ސްޓްރޯބެރީ އަކީ ކެންސަރު ސެލްތަކާއި ދެކޮޅަށް ހަނގުރާމަކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން ސްޓްރޯބެރީގައި ހިމެނޭ އެލާޖިކް އެސިޑް އާއި ލޫޓީންފަދަ އެންޓިއޮކްސިޑެންޓްތަކުގައި އެންޓި-ކާސިނޯޖީނިކް މާއްދާތައް ހިމެނެއެވެ.
- ސްޓްރޯބެރީގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ޕޮޓޭސިއަމް އަކީ ސިކުނޑިއަށް ލޭ ދައުރުވާ މިންވަރު އިތުރުކޮށްދީ، ކޮގްނިޝަން ރަނގަޅުކޮށްދޭ ކަމެކެވެ. އަދި ސްޓްރޯބެރީގައި ހިމެނޭ އަޔޮޑިން އަކީ ނާރުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމުގައި އެހީތެރިވެދޭ މާއްދާއެކެވެ.
- ސްޓްރޯބެރީގައި ހިމެނޭ މިނަރަލްތައް ކަމުގައިވާ ޕޮޓޭސިއަމް އާއި މެގްނީސިއަމް އަކީ ބްލަޑް ޕްރެޝަރ ދަށްކޮށްދޭ މާއްދާތަކެކެވެ. އަދި ޕޮޓޭސިއަމް އަކީ ލޭހޮޅިތައް ފުޅާކޮށްދީ، ހައިޕާޓެންޝަން ނައްތާލަދޭ މާއްދާއެކެވެ.
- ސްޓްރޯބެރީ އަކީ ހަންގަނޑު ތާޒާކޮށްދީ، ހިތް ދުޅަހެޔޮކަންމަތީ ހުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.