ކުޑަދަރިފުޅަށް ގާތުން ކިރުދޭނަމަ، މައިމީހާއަށް ވަރަށް ގިނަ ހަކަތަ ބޭނުންވާނެއެވެ. އެހެންކަމުން ވީހާވެސް ދުޅަހެޔޮ، ފައިދާހުރި ތަކެތި ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅު އުފަންވުމަށްފަހު ފުރަތަމަ މަސްތަކުގައި މަންމައާއި ދަރިފުޅަށްވެސް ލޯތްބާއި އަޅާލުން ބޭނުންވާނެ އެވެ. ކިރު އުފެއްދުމަށްޓަކައި މައިމީހާގެ ހަށިގަނޑަށް އިތުރު ކެލޮރީސް ބޭނުންވާނެ އެވެ. ގާތުން ކިރުދޭ މައިމީހާގެ ސިއްޙަތުގެ އަސަރު ސީދާގޮތުން ކުޑަދަރިފުޅަށް ފޯރާނެއެވެ. އެހެންކަމުން ދުޅަހެޔޮ ވިޓަމިންސް އާއި މިނަރަލްސް ހިމެނޭ ޑައިޓެއް ގެންގުޅުމަކީ މައިމީހާއަށް ވަރަށް މުހިންމު ކަމެކެވެ. ތިރީގައި މިވަނީ ގާތުން ކިރުދޭ މައިން ކެއުން މުހިންމު ބައެއް ތަކެއްޗެވެ.
1. ކިރު
ކިރަކީ ދުޅަހެޔޮ ފެޓްސް އާއި ޕްރޮޓީންސް އިން ފުރިގެންވާ، ދަރިފުޅާއި މަންމަގެ މެޓަބޮލިޒަމް އަވަސްކޮށްދޭ އެއްޗެކެވެ. އޭގައި ދަރިފުޅުގެ މަސްތަކާއި ކަށިތައް އުފެދި ބޮޑުވުމަށް ބޭނުންވާ ކެލްސިއަމް އާއި ވިޓަމިން ޑީވެސް އެކުލެވިގެންވެއެވެ. މީގެ އިތުރުން ކިރަކީ މައިމީހާގެ ހަށިގަނޑު ނަރިޝްކޮށްދީ، ހައިޑްރޭޓްވެސް ކޮށްދޭ އެއްޗެކެވެ.
2. ނަޓްސް
ވޮލްނަޓް އާއި އާމަންޑްފަދަ ނަޓްސްތަކަކީ މާބަނޑު ދުވަސްވަރަށްފަހު ޤަވާއިދުން ކާކެއުމުގައި ބޭނުންކޮށް އުޅެންޖެހޭ އެއްޗިއްސެވެ. ނަޓްސްގައި ދުޅަހެޔޮ ޕޮލިއަންސެޗުރޭޓެޑް ފެޓްސް އާއި ލީން ޕްރޮޓީންގެ އިތުރުން ފައިބާ އާއި ވިޓަމިން އީ، ވިޓަމިން ބީ އަދި ފައިޓޯސްޓެރޯލްސްވެސް ހިމެނިގެންވެއެވެ. ދުވާލަކު އެއްފަހަރު ނަޓްސް ކެއުމަކީ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީތެރިވެދޭ ކަމެކެވެ.
3. ގިނައިން ފެޓްސް ހުންނަ މަސް
ސޭމަންފަދަ މަސްތަކަކީ ދަރިފުޅު ހެދިބޮޑުވުމަށް ކޮންމެހެން މުހިންމު މާއްދާތައް ކަމުގައިވާ އޮމެގާ-3 ފެޓީ އެސިޑްސް އާއި ޑީއެޗްއޭ އާއި އީޕީއޭ އަދި ލީން ޕްރޮޓީންސް އެކުލެވިގެންވާ އެއްޗެކެވެ. ތެޔޮ މަހަކީ އިންފްލެމޭޝަން ކުޑަކޮށްދީ، މައިމީހާ އާއި ދަރިފުޅަށް ނަރިޝްމެންޓް ފޯރުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން މިފަދަ މަހަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދީ، ހަކުރު ކޮންޓްރޯލްކުރުމުގައިވެސް އެހީތެރިވެދޭ އެއްޗެކެވެ. މިބާވަތުގެ މަސްތަކުގެ ތެރޭގައި ސޭމަން އާއި މެކަރެލް އާއި ހެރިންގ ވެސް ހިމެނެއެވެ.
4. ބެރީސް
ސިއްޙަތަށް ގެއްލުންހުރި ފޮނި ކާއެއްޗެހީގެ ބަދަލުގައި ނިއުޓްރިޝަން އިން ފުރިގެންވާ ބެރީގެ ބާވަތްތައް ކެއުމަށް އާދަކުރާށެވެ. ސްޓްރޯބެރީ އާއި ބްލޫބެރީ އަކީ އެންޓިއޮކްސިޑެންޓްސް އާއި ވިޓަމިން ސީގެ އިތުރުން ފައިބާއިން ފުރިގެންވާ، ހަށިގަނޑަށް ފައިދާހުރި ދުޅަހެޔޮ މޭވާތަކެވެ. މީގެ އިތުރުން ބެރީސް އަކީ ގިނައިން ކެލޮރީސްވެސް އެކުލެވިގެންވާ އެއްޗަކަށްވުމުން، މައިމީހާއަށް ބޭނުންވާ ހަކަތަވެސް ލިބިގެންދާނެ އެވެ. ވިޓަމިން ސީ އަކީ ދިފާޢީ ނިޒާމް ވަރުގަދަކޮށްދީ، މައިމީހާ އާއި ދަރިފުޅުވެސް ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ.
5. ފެހި ތަރުކާރީ
ފެހި ތަރުކާރީ އަކީ މައިމީހާ އާއި ދަރިފުޅަށް ބޭނުންވާ އަސާސީ ނިއުޓްރިއެންޓެއް ކަމުގައިވާ އެންޓިއޮކްސިޑެންޓްސް އިން ފުރިގެންވާ އެއްޗެކެވެ. އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ފްރީ ރެޑިކަލްތަކާއި ދެކޮޅަށް މަސައްކަތްކޮށް، އޮކްސިޑޭޓިވް ސްޓްރެސް މަދުކޮށްދޭ އެއްޗެކެވެ. ސްޕިނެޗްގެ އިތުރުން ބްރޮކޮލީ އަކީވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އޭގައި އަޔަން އާއި ފޯލޭޓްގެ އިތުރުން ގަސްގަހާގެހިން ލިބޭ ގިނަ ނިއުޓްރިއެންޓްތައް ހިމެނިގެންވެއެވެ. އެ މާއްދާތަކަކީ ގާތުން ކިރުދޭ މައިމީހާގެ މެޓަބޮލިޒަމް ވަރުގަދަކޮށް، އަވަސްކޮށްދޭ މާއްދާތަކެކެވެ.