ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހެއްކެއްގެ ގޮތުގައި ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ހުށައަޅުއްވައިފިއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި ރައިސް ޔާމީންގެ ފަރާތުން ހެކި ހުށަހަޅުއްވަމުން ޝަފަހީ ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ނަން އެކަންޏެވެ.
އަދި ކިތާބީ ހެއްކެއްގެ ގޮތުގައި 2 ހެއްކެއް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވެއެވެ.
އޭގެން އެއް ހެއްކަކީ އަލްޖަޒީރާއިން ނެރުނު ސްޓީލިން ޕެރެޑައިޒް ޑޮކިއުމެންޓްރީ އާއި ގުޅިގެން އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެކެވެ. އަދި ދެވަނަ ހެއްކަކީ އެސްއޯއެފް މެދުވެރިކޮށް ހިންގި ވިޔަފާރި މުއާމަލާތްތަކުގެ ތެރެއިން ހޯދި ހުރިހާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ނޫންކަމަށް ކޯޓުން ކޮށްފައިވާ ހުކުމެކެވެ.
ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި 3 ހެއްކާއި ގުޅޭގޮތުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވަނީ އެ ހެކިތައް ބަލައިގަތުމަށް ނިންމަވާފައެވެ.