ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއް ބަލަމުންދާކަން އަންގާފައިނުވާކަމަށް އިސްގާޒީ ހައިލަމް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމްގެ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ ޖުލައި 31 ވަނަ ދުވަހުއެވެ. އެގޮތުން ޖޭއެސްސީން ބުނެފައިވަނީ، ގާޒީ ހައިލަމާއި ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާގެ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށެވެ.
އެކަން ފާހަގަކޮށް، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރިއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލް ވިދާޅުވެފައިވަނީ، އިސްގާޒީގެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދިއުމަކީ އެކަމުގެ ސަބަބުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒެއް ވަދެދާނޭ ކަމެއްކަމަށެވެ.
އެހެންނަމަވެސް އެވާހަކައާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، އެމަނިކުފާނުގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާކަން އެމަނިކުފާނަށް އަންގާފައިނުވާކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ހައިލަމް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އިސްގާޒީގެ މަޤާމަށް ހައިލަމް ހަމަޖައްސާފައިވަނީ އެކޯޓުގެ ގާޒީ ކަމަށް އައްޔަނު ކުރިތާ މާގިނަ ދުވަސްތަކެއްނުވަނީހެވެ.