އަޅުގަނޑުމެން ދިވެހިންނަކީ މުސްލިމުންނެވެ. މުސްލިމުންގެ ޙައިސިއްޔަތުން އަޅުގަނޑުމެން ޤަބޫލުކުރަނީ މިދުނިޔެއަކީ އާޚިރަތުގެ ދާއިމީ ގޮވައްޗަށް ކުރާ ދަތުރުގެ ވަގުތީ މަންޒިލެއް ކަމުގައެވެ. މި ދުނިޔޭގެ ރީތިކަމާއި އަރާމާއި ލައްޒަތާއި ހުރިހާ ކަމަކީ ވަގުތީ ކަންކަމެވެ. ކަންމިހެންހުރިނަމަވެސް ޢަމަލީގޮތުން މިކަން ދެއްކެނީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ. އާޚިރަތަށްޓަކައި އަޅުގަނޑުމެންގެ ދުނިޔެވީ އުފަލެއް ދޫކޮށްލުމަކީ ވަރަށް މަދު މީހަކަށް ނޫނީ ނުކުރެވޭ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނަޒަރު ހިންގާލާއިރު މިކަމުގައި ކުރިބޯށި އަތުލާފައިވާ ޖަމާޢަތެއް ފެނެއެވެ. ތަފާތު އެކި ފިއްތުންތަކާއި ދަތިތަކާއެކުވެސް ﷲ އަށްޓަކައި ކެތްތެރިވެ، ދުނިޔޭގެ މައްޗަށް އާޚިރަތް އިސްކޮށްފައިވާ ބަޔަކު އެބަ ފެނެއެވެ. އާދެ! ދައްކަން މިއުޅެނީ ނިޤާބީންގެ ވާހަކައެވެ. މޫނު ބުރުގާ ތުރުކުރައްވައި، ﷲ އަށްޓަކައި މުޅި ހަށިގަނޑު ނިވާކޮށްގެން ތިއްބަވާ އުޚްތުންގެ ވާހަކައެވެ.

ދުނިޔޭގައި އިންސާނުން މި އުޅެމުންދާ އުޅުމުގައި ދުނިޔަވީ ކަންކަމަށް ބަލާއިރު އެންމެ ބޮޑަށް ބޭނުންވާ، އެންމެ ބޮޑަށް އެ އެއްޗެއް ހޯދުމަށް މަސައްކަތް ކުރާ އެއްޗަކީ ތިމާގެ "ތިމާވަންތަކަން" ނުވަތަ އައިޑެންޓިޓީއެވެ. މުޖުތަމަޢުގެ ކުރިމަތީގައި ތިމާއަކީ ކާކުކަން ކަނޑައަޅަނީ މި އައިޑެންޓިޓީއެވެ. އަހަރެމެންގެ ދިރިއުޅުމުގައި ކުރާ ގިނަ ކަންކަމަކީ މި އައިޑެންޓިޓީ ޙާސިލުކުރުމަށް ކުރާ މަސައްކަތެކޭ ބުނެވިދާނެއެވެ. ނަމަވެސް މޫނުބުރުގާ އެޅުމާއެކު މިހުރިހާ ކަމެއް ﷲ އަށްޓަކައި ޤުރުބާން ކޮށްލެވެނީއެވެ. ނިޤާބު އެޅުމަށްފަހު ކިތަންމެ ބޮޑު ދުނިޔެވީ ކާމިޔާބެއް ހޯދިނަމަވެސް އޭނާ ފެންނައިރު، އެއީ މިވެނި މީހެއްކަމެއް ނޭނގޭނެއެވެ. އެކަނބަލުން އެވަނީ ﷲގެ ޙަޟްރަތުގައި އާޚިރަތުގެ "އައިޑެންޓިޓީ" އަށްޓަކައި މި ދުނިޔޭގައި އެކަނބަލުންގެ އައިޑެންޓިޓީ ޤުރުބާންކޮށްފައެވެ. ކިހާ ފުރިހަމަ ނަމޫނާއެއް ތޯއެވެ؟

އަދި ކޮބައިތޯއެވެ؟ މިކަމަކީ އޭގެ ޒާތުގައި އެތައް ތަކުލީފުތަކެއް ވެސް އުފުލަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއަށް މިހާރު ކަނބަލުން އާންމުކޮށް މި އަޅާ ބުރުގާ ތަޢާރަފްވިއިރުވެސް އޭގެ ސަބަބުން ވާ ހޫނާއި އެފަދަ ތަކުލީފުތަކުގެ ވާހަކަ ގަދައަށް ދެކެވުނެވެ. ވީއިރު މުޅި ހަށިގަނޑު ނިވާކޮށްގެން ތިބުމުގެ ތަކުލީފާމެދު ވިސްނަވާލައްވާށެވެ! އެއީ ހަމަ ﷲ އަށްޓަކައި އެކަނބަލުން އުފުލުމަށް އިޚްތިޔާރުކޮށްފައިވާ ތަކުލީފުތަކެކެވެ. ނަމަވެސް މިއީ އަދި އެކަނބަލުން ތަޙައްމަލްކުރަން ޖެހިފައިވާ ތަކުލީފުތަކުގެ ފެށުމެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް ފަރާތްތަކުގެ ޢަމަލުތަކާއި ބަސްމަގު ހުންނަ ގޮތުން، މޫނު ބުރުގާ އެޅުމަކީ މި މުޖުތަމަޢުގައި ކުށެކޭ ހިވާ ފަހަރުވެސް އާދެއެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ މޫނުބުރުގާ އެޅުމަކީ އިސްލާމްދީން ދަންނަ، ދީނުގައި އޮތް ކަމެވެ. ދީނުގެ ޢިލްމުވެރިންގެ މެދުގައި އެބުނާ "ޚިލާފެއް" އޮތިއްޔާ އޮތީ އެއީ ކިހާވަރެއްގެ ހެޔޮކަމެއްތޯ އާ މެދުގައެވެ. އަޅުގަނޑުމެން ދިވެހިން ފިޤުޙީ ހުރިހާ ކަމެއްގައި އެ ފޮތަކަށް ރުޖޫޢަވާ ތަޢުލީމްދިޔާނާ ވެސް ހެކިދެނީ މޫނުބުރުގާ އަކީ އިސްލާމްދީނުގެ ޝިޢާރެއް ކަމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ މުސްލިމް މުޖުތަމަޢުއަށް ދާދި ފަހަކާ ޖެހެންދެން މިއީ މުޅިން ބީރައްޓެހި ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން އުޚްތަކު މޫނު ނިވާކޮށްގެން އުޅެން ފަށައިފިނަމަ ތަފާތު އެކިއެކި ލަގަބުތަކުން ގޮވައި، ޖެއްސުން ކޮށް ދިމާކުރުމަކީ މިހާރުވެސް ހިނގާ ކަންކަމެވެ. އެކަނބަލުންނާމެދު ތަފާތު، ނުރުހުންތެރި ނަޒަރަކުން ދެކުމަކީ ދީނުގެ ޙުކުމަކަށް ތަބާވީތީ މި މުސްލިމް މުޖުތަމަޢުގައި އެކަނބަލުން ތަޙައްމަލްކުރަން ޖެހިފައިވާ ކަމެކެވެ.

ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އޭނާގެ އެންމެ ގާތް، ހުރިހާ ކަމެއްގައިވެސް އެބަޔަކަށް ބަރޯސާ ވެވޭ ބައެއް ކަމުގައި ތިބޭނީ އެމީހެއްގެ އާއިލާއެވެ. ނަމަވެސް މޫނުބުރުގާ އަޅާ ބައެއް އުޚްތުންނަށް ވަނީ އާއިލާގެ ނުރުހުމާވެސް ކުރިމަތިލާން ޖެހިފައެވެ. ބައެއް ބެލެނިވެރިން އެމީހުންގެ ދަރިން މޫނުބުރުގާ އަޅަން އުޅޭ ޚަބަރު ލިބުމުން އެކަން މަނާ ނުކުރި ނަމަވެސް އެކަމާ ނުރުހުންތެރިވާ ރާގެއް ގެންގުޅޭކަން ފާހަގަވެއެވެ. އަދި ބައެއް އާއިލާތަކުން ސީދާ މަލާމާތުގެ ބަސްތައް އެ އުޚްތުންނާ ދިމާއަށް ރައްދުކުރާކަމީވެސް މަދުން ނަމަވެސް ހިނގާ ކަމެކެވެ.

މިހެން ދަންނަވާއިރުވެސް، މިކަމަށް ތަރުހީބުދީ، ތިމާގެ ދަރިން ދުނިޔެއަށްވުރެ އާޚިރަތް އިސްކުރާކުރުމުގެ މައްޗަށް ފަޚުރުވެރިވާ ހެޔޮލަފާ ބެލެނިވެރިންވެސް އުޅުއްވާކަން އުފަލާއެކު ފާހަގަކުރަމެވެ. މިތަނުގައި ދައްކަން މިއުޅެނީ އަމާނާތެއްގެ ގޮތުގައި ﷲ ދެއްވި ދަރިން ނަރަކައިގެ އަލިފާނުން ސަލާމަތްކުރުމަށްވުރެ ބޮޑަށް ދުނިޔަވީ އުފަލެއް ގެއްލޭތީ ކަންބޮޑުވާ ބެލެނިވެރިންގެ ވާހަކައެވެ. އެހެން ހުރިހާ ކަމެއްގައި ހެޔޮ މަގަށް ދަރިންނަށް ނަސޭހަތްދޭ ބެލެނިވެރިންވެސް ބައެއް ފަހަރަށް ދުނިޔޭގެ "ބިރަށް" ދަރިން މޫނުބުރުގާ އެޅުމާ ދެކޮޅުވާކަމީ ނިޤާބީ އުޚްތުން އެ ކުރައްވާ ހިތްވަރާއި އެ ދައްކަވާ ނަމޫނާގެ މަތިވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެކެވެ.

މޫނު ބުރުގާ އެޅުމާ ދެކޮޅުވުމުގެ ވައްޓަފާޅި އޮތީކީ ހަމައެކަނި ފަރުދީ ކަމެއްގެ ގޮތުގައެއް ނޫނެވެ. އިސްލާމީ މި ޤައުމުގައި ރަސްމީ ވުޒާރާތަކުންވެސް ފަސޭހައިން ބަލައިގަންނަނީ މޫނު ބުރުގާއަށްވުރެ ބޮޑަށް އިސްލާމްދީނާ ނުގުޅޭ ހެދުން އެޅުމުގެ ވައްޓަފާޅިތަކެވެ. ގަވާއިދުތަކުންވެސް ދަތިކޮށްފައި އޮންނަނީ މޫނުބުރުގާ އަޅައިގެން އުޅުމަށެވެ. ދާދި ފަހަކާ ޖެހެންދެންވެސް މޫނުބުރުގާ އަޅާ އުޚްތުންނަށް ވަޒީފާ އަދާކުރުމަށް އޮތް ހުރަސްތަކަކީ އަޅުގަނޑުމެންނަށް އާ ވާހަކައެއް ނޫނެވެ. އެކަނބަލުން ވަޒީފާ އަދާކުރުމުގެ ޙައްޤުން މަޙުރޫމްކޮށް ބިކަކޮށްލެވުނު މަންޒަރު އަޅުގަނޑުމެން އެންމެން ދުށީމުއެވެ. މިއަދުވެސް މި "ސައްތައިން ސައްތަ މުސްލިމް" ޤައުމުގެ ބައެއް އިންޑަސްޓްރީތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތެއް ނުކުރެވެއެވެ.

މި ކަންކަން މިހެން ހިނގާއިރު އަންތަރީސްވާން ޖެހޭ އަނެއް ކަމަކީ ދުނިޔޭގައި ލެއްވިހާ ލެއްވި ޙައްޤެއް ހޯދުމަށް ވަކާލާތުކުރާ ވުޒާރާތަކާއި ޖަމްޢިއްޔާތަކުގެ "ކަހާ ތަން މިކަމުގައި ހިރުވާވެސް ނުލާ" ކަމެވެ. އެވަރުން ނުވެގެން އާންމު މަންސަ ތަކުގައި އެކަމަށް ފާޑުކިޔާ، އެއީ ބޯދާކަމެއްކަމުގައި ދަނީ ސިފަކުރަމުންނެވެ. ތިމާއަށް ނިސްބަތްވާގޮތަށް ބަޔަކު އެފަދައިން މަލާމާތް ކުރުމުން ކުރާ އަސަރު އެނގޭނީ ހަމަ އެކަމާ ކުރިމަތި ވުމުންނެވެ. ނަމަވެސް ހުރިހާ ދިމާއަކުން މިވަރަށް ފިއްތައި ދަތިކޮށްފައިވާއިރުވެސް ވަޒީފާގެ ބިރަށް ނުވަތަ އާމްދަނީ ނުލިބިދާނެތީ މޫނުބުރުގާ ބާލާ އުޚްތުން ނިސްބަތުން ހަމަ ނެތޭ ވެސް ދެންނެވިދާނެއެވެ. ހިތްވަރުގަދަކަމުގެ ނަމޫނާއެއް ނޫންތޯއެވެ؟

މޫނު ބުރުގާ އެޅުމާމެދު ޖުމްލަކޮށް މުޅި މުޖުތަމަޢުގެ އެކި ދިމަދިމާއިން ނުރުހުންތެރިކަމުގެ ވިސްނުންތަކެއް ގެންގުޅޭއިރު، މިކުރެވެނީ އަސްލު ކޮން ކަމެއް ކަމާމެދުވެސް އަޅުގަނޑުމެން ވިސްނާލުން މުހިންމުކަމުގައި ދެކެމެވެ. ކުޑަކުޑަ މިސާލަކުން ފަށަމާތޯއެވެ! މިސްކިތުގެ ޖަމާޢަތުގައި ޢިޝާ ނަމާދުކުރުމަށްފަހު މީސްތަކުން ފައިބައިގެންދާއިރު ސުންނަތް ނަމާދުކުރަން މަޑުކޮށްލާ މީހާ ހިތަށް ގެންނަވާށެވެ. އެމީހާ ސުންނަތް ކޮށް ނިމިގެން ފައިބައިގެން ދާއިރު އަޅުގަނޑުމެން މަގުމަތީގައި ތިބެ، "ކީއްކުރަން ހޭދަކުރާހާ ބޭކާރު ވަގުތެއްހޭ" "ތިއީ ދެން ފަރުޟެއްވެސް ނޫނެއް ނޫންހެއްޔޭ" ގޮވުން އެއީ ހަމަޖެހޭ ކަމެއްތޯއެވެ؟ ނޫނެކެވެ! ދެން މިސާލަކަށް ސަރުކާރުން، ޢިޝާ ނަމާދުގެ ފަހުގައި މިސްކިތުގައި ސުންނަތް ކުރަން މަޑުކުރާ މީހުންގެ ސަބަބުން ކަރަންޓްފީ ބޮޑުވާތީ އެމީހުން ފީއެއް ދައްކަން ޖެހޭގޮތަށް ގަވާއިދެއް ހެދުން ކިހިނެއް ތޯއެވެ؟ މިފަދަ ކަމެއް ހިނގައިފިނަމަ އަޅުގަނޑުމެން އެންމެން އެކަމާ ދެކޮޅަށް "ތަރަތަރަ ޖަހާފައި" ނުކުންނާނެކަން ކަށަވަރެވެ! މޫނު ބުރުގާ އެޅުމާ ދެކޮޅު ވިސްނުން މި ގެންގުޅޭ މީހުންގެ ޢަމަލުތަކާ މިއާ މާބޮޑު ތަފާތެއް އަޅުގަނޑަކަށް ނުފެނެއެވެ. މޫނުބުރުގާއަކީވެސް ރަވާތިބު ސުންނަތް ފަދަ ދީނުގައި އޮތް ހެޔޮ ކަމެކެވެ. މިއީ މުސްލިމް މުޖުތަމަޢެކެވެ. މި މުޖުތަމަޢުގެ ކަންކަން ބައްޓަންވާން ވާނީ ދީނުގެ ކަންކަމަށް މަގުފަހިވާ ގޮތަށެވެ. ދީނަށް ހޭނެން ޖެހޭނީ މުޖުތަމަޢެވެ. ބަދަލު އަންނަން ޖެހޭނީ އަޅުގަނޑުމެންނަށެވެ. މުޖުތަމަޢުގެ ޙާލަތާއި އަޅުގަނޑުމެންގެ ފަސޭހައަށް ދީނުގެ ކަންކަން ބަދަލުކުރެވިގެން، ނުވަތަ އެކަންކަމާ ދެކޮޅުވެވިގެން ނުވާނެއެވެ. އެއީ ވަރަށް ބޮޑު ގޯހެކެވެ!

ކޮންމެއަކަސް އަޅުގަނޑުގެ މައުޟޫއަށް ރުޖޫޢަވެލާނަމަވެ. ހަމަ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅެމުންދާ އަޅުގަނޑުމެންފަދަ ބަޔަކު، ﷲ ގެ މަގުގައި މިފަދަ ބޮޑު ޤުރުބާނީއެއްވެ، އާޚިރަތަށްޓަކައި ދުނިޔޭގެ އުފާތަކާއި އަރާމުތައް ޤުރުބާންކުރުމުގެ ނަމޫނާ ދައްކަމުންދާއިރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތާމެދު ވިސްނާލުން ޙައްޤު ނޫންތޯއެވެ! މަސައްކަތެއްގައި އުޅެނިކޮށް، ނުވަތަ އެއްވެސް ކަމެއް ނެތި ކޮފީއެއްގައި އަނގަތަޅަން ތިބޭއިރުވެސް ބަންގީގެ އަޑަށް އިޖާބަދީ، ޖަމާޢަތުގެ ނަމާދު އަތުލުމަށް އަވަސްވެގަނެވެނީ ކިތައް ފަހަރުތޯއެވެ؟ ދުވާލުގެ 24 ގަޑިއިރު ހަމަވެގެން ދާއިރު، އެތައް ބައިވަރު ހުސްވަގުތު ތަކެއް ލިބޭއިރު، އަދި ކުޅުމާއި މުނިފޫހިފިލުވުމަށް ގަޑިކިޔައި ވަގުތު ހުސްކުރެވޭއިރު ޤުރުއާނުން މިންވަރެއް ކިޔަވާލަން ވަގުތު ހުސް ނުކުރެވޭކަމާމެދު ލަދުވެތިވާކަށް ނުވޭތޯއެވެ؟ އާޚިރަތުގައި ޢަމަލުތަކުގެ މީޒާނުގައި ކުޅިވަރުކުޅުމާއި، ޤުރުއާން ކިޔަވާލުމަށް ވަގުތުކޮޅެއް ދިނުމާ ދެކަންތައް މިއީ ކިހާ ތަފާތު ދެ ކަންތައް ތޯއެވެ؟ ދުވާލަކު 2،3 ގަޑިއިރު ކުޅިވަރުގެ ގަދަފަދަ ހަރަކާތްތަކުގައި އުޅެވޭއިރު ރަމަޟާން މަހުގެ ތަރާވީޙް ނަމާދަށް ގަޑިއެއްހާ އިރު ކޮޅަށް ހުންނަން ޖެހުމުން "ކުރު" ތަރާވީޙް ކުރާ މިސްކިތް ހޯދޭ ކަމީ އަޅުގަނޑުމެންގެ އީމާންކަމަށް "ކުއްލިފަރުވާ" ދޭން ޖެހިފައިވާކަމުގެ ހެއްކެކެވެ. އިރުކޮޅަކު މަޑުކޮށްލާފައި ވިސްނާލާށެވެ!

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ދުނިޔެއަކީ އެއްވެސް ތަނެއް ނޫނެވެ! ހަމައެކަނި އަޅުގަނޑުމެން ދާންވީ ތަނަށް ދިއުމަށް ދަތުރުކުރަމުންދާ ފާލަމެކެވެ. މިތަނުން ފެންނަ ދަޅަތަކަށް ހެއްލުން ހުއްޓާލަމާ ހިނގާށެވެ. ރަނގަޅެވެ. ދުނިޔެ އާރާސްތުކުރުމާއި ދުނިޔެވީ ކަންކަން ކުރުމަށްވެސް ވަގުތު ދޭން ވާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ "ފޯކަސް" ގެއްލުވާ ނުލަމާތޯއެވެ! ކުރާ ކޮންމެ ކަމަކީވެސް އެއްކަލަ ދާއިމީ މަންޒިލަށް ދާއިރު ފައިދާކުރާނޭ ކަމެއް ކަމުގައި ހެދޭތޯ އުޅެމާ ހިނގާށެވެ! ކޮންމެ ޗޮއިސްއެއް ނަގާއިރުވެސް ޙަޤީޤީ މަޤްޞަދު ކުރިއަށް ނެރެން ހިނގާށެވެ. އޮފީހުގައި އިންދާ ބަންގީގެ އަޑު އިވުމުންވެސް މިގޮތަށް ވިސްނުމަށްފަހު ނިންމުން ނިންމާށެވެ! ކުރާނޭ ކަމެއް ނެތް ފްރީ ވަގުތެއް ވެއްޖެނަމަ މި މަޤްޞަދާމެދު ވިސްނާލުމަށްފަހު ގޮތް ނިންމާށެވެ! މި މަޤްޞަދު ހިތުގައި ފުރިހަމައަށް ބިންވަޅު ނެގިއްޖެނަމަ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނޭކަން ކަށަވަރެވެ. އަސްލު ކާމިޔާބީގެ ވެރިންނަށް ވެވޭނީ އޭރުންނެވެ. މި މަޤްޞަދު ސިކުނޑިން ކައްސާލާނަމަ، ނުވަތަ ޝައިޠާނާ ތިބާ ކަންނެތް ކުރުވާނަމަ، މޫނު ބުރުގާ އަޅައިގެން އެ އުޅުއްވާ އުޚްތުންގެ ނަމޫނާ ހިތަށް ގެންނަވާށެވެ. އެކަނބަލުންގެ ހިތްވަރުން ހިތްވަރު ލިބިގަންނާށެވެ!

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.