ފްރެންޗް ސުޕަ ކަޕްގެ ފައިނަލްގައި އެންމެފަހުގެ ފްރެންޗް ކަޕް ކާމިޔާބުކުރި ރެނޭސް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ލީގު ޗެމްޕިއަން ޕީއެސްޖީން ސީޒަނުގެ ފުރަތަމަ ތަށި ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު، އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ އަށް ލިބިފައިވާ އަނިޔާއިން މުޅީން ރަނގަޅުވެފައިވީނަމަވެސް ފިޓްނަސް ލެވެލް ދަށްވުމުން ނުކުޅެއެވެ. އެކަމަކު، އެ ޓީމުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އަލަށް ގެނައި ކުޅުންތެރިންކަމަށްވާ އަބްދޫ ޑިއާލޯ އާއި އެންޑާ ހެރޭރާ އަދި ޕަބްލޯ ސަރާބިއާވެސް ފުރަތަމަ އެގާރައިގައި ހިމެނިފައިވެއެވެ.

ޗައިނާގެ ޝެންޒެން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ރެނޭސް އިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ އެޑްރިއެން ހުނޫ އެވެ. 

ރެނޭސްގެ މި ލަނޑުގެ ކުރިން ޕީއެސްޖީގެ ޖަރުމަން ޑިފެންޑަރު ތިލޯ ކެރާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެފަހުން ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަކުރުމަށް ހެރޭރާ އާއި ސަރާބިއާގެ އިތުރުން ކިލިއަން އެމްބާޕޭ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ހެރޭރާ ފޮނުވާލި ބޯޅަ ރެނޭސްގެ ގޯލްކީޕަރު މަތަކުރިއިރު ސަރާބިއާ ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ރެނޭސް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަރަކަށް މިނެޓުގެ ތެރޭގައި، ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެމްބާޕޭ އެވެ. މިއީ އެ ޓީމުގެ ސަރާބިއާ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިލަނޑަށްފަހު، ޕީއެސްޖީން ގޯލްޖެހުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު، އެމްބާޕޭ އާއި އެންހެލް ޑި މާރިއާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރެނޭސްގެ ކީޕަރު އެވެ.

ޕީއެސްޖީގެ ދެވަނަ ލަނޑު، މެޗު ނިމެން 17 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މި ހާފުގައި ކުޅެން ނިކުތް ޑި މާރިއާ އެވެ. އެ ޓީމުގެ ސަރާބިއާ އަށް ރެނޭސްގެ ޖޭމްސް ލީ ސިލީކީ ކުރި ފައުލަށް ރެފްރީ ދިން ހިލޭޖެހުން ޑި މާރިއާ ވަނީ ގޯލްގެ މަތީކަނަށް އަމާޒުކޮށްލާފައެވެ.

ރޭގެ މެޗާއެކު ޕީއެސްޖީން މިވަނީ މި މުބާރާތް މިހާތަނަށް ނުވަ ފަހަރު ކާމިޔާބުކޮށްފައެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްޖީން ވިދިވިދިގެން ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. މިއާއެކު އެ ޓީމުން ވަނީ އޮލިމްޕިކް ލިޔޯނުން ވިދިވިދިގެން ހަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްގެން ހެދި ރެކޯޑް މުގުރާލައިފައެވެ.

ވޭތުވެދިޔަ ހަ ސީޒަނުގައިވެސް ފްރެންޗް ލީގު ކާމިޔާބުކުރި ޕީއެސްޖީ އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ލީގުގައި ނީމްސްއާ ދެކޮޅަށް މި މަހުގެ 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.