ޖޭޑަން ސަންޗޯގެ މޮޅުކުޅުމާއެކު ބޮރޫޝިއާ ޑޯޓްމަންޑުން ވާދަވެރި ބަޔާން މިއުނިކް ބަލިކޮށް ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.
ބަޔާންގެ ކުރީގެ ލެޖެންޑުން ކަމަށްވާ އާރެން ރޮބެން އާއި ފްރޭންކް ރިބެރީ ނެތި އާ ސީޒަނުގައި އެޓީމު ކުޅުނު ފުރަތަމަ ބޮޑު މެޗުގައި ޑޯޓްމަންޑް އަތުން ބަލިވީ 2-0 އިންނެވެ.
ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކް ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗު ފެށިގެން ފުރަތަމަ މިނެޓުގައިވެސް އެ ޓީމުން ވަނީ ބަޔާންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެ ޓީމުގެ ކެޕްޓަން މާކޯ ރޮއިސް ފޮނުވާލި ބޯޅަ ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ މަތަކުރިއިރު، އޭގެ ފަހުން، ޑޯޓްމަންޑްގެ ރަފައެލް ގުރޭރޯ ފޮނުވާލި ހަމަލައިގެ ހުރަހަކަށްވީ ވެސް ނޯޔާ އެވެ.
މިހާފުގައި ބަޔާންގެ ކިންގްސްލީ ކޯމަން އާއި ރޮބަޓް ލެވަންޑޯސްކީގެ އިތުރުން ލެއޯން ގޮރެޓްޒްކާ ފޮނުވާލި ހަމަލާތައް ހުށިޔާރުކަމާއެކު ޑޯޓްމަންޑްގެ ގޯލްކީޕަރު މާވިން ހިޓްޒް ހުއްޓުވިއިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ބަޔާންގެ ކޯމަން ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ޑޯޓްމަންޑްގެ ފުރަތަމަ ލަނޑުޖަހައިދިނީ އަލްކަސާ އެވެ. މިއީ އެ ޓީމުގެ ކަނާތް ފަރާތު ވިންގުން ސަންޗޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީއޭރިޔާބޭރުން އަލްކަސާ ކާމިޔާބުކުރި ގޯލެކެވެ.
ބަޔާނުން އެއްވަރުކުރުމަށް ކުރި މަސައްކަތުގައި ގޮރެޓްޒްކާ އާއި ކޯމަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން، ޑޯޓްމަންޑްގެ އަވަސް އެޓޭކަކުން ދެވަނަ ލަނޑު، މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސަންޗޯ އެވެ. އޭގެފަހުން، ބަޔާންގެ ފޯވާޑް ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ޑޯޓްމަންޑްގެ ކީޕަރު ހިޓްޒް މަތަކުރިއިރު، އެ ޓީމުގެ ނިކްލަސް ސޫލޭ އާއި ގޮރެޓްޒްކާ އަށް ލިބުނު ފުރުޞަތުތައްވީ ބޭކާރެވެ.
މިއީ ޑޯޓްމަންޑުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. މީގެއިތުރުން، ނިމިދިޔަ ސީޒަނުގައި ލީގުގައި މި ދެ ޓީމު އެންމެފަހުން ކުޅުނު މެޗުގައި ބަޔާން އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުން އެއަށް ދެވުނު ރަނގަޅު ރައްދެކެވެ.