ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ހިފެހެއްޓުމަށްފަހު އަނބުރާ ރާއްޖެ ފޮނުވާލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ އަދީބު ހައްޔަރުކުރުމަށްފަހު އޭނާ މިހާރު މާލެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ހިފެހެއްޓުމުން އަދީބު ވަނީ އިންޑިއާގެ ހިމާޔަތަށް ވެސް އެދިފައެވެ. އެއީ އޭނާ އަނބުރާ ރާއްޖެ ފޮނުވާލައިފި ނަމަ އޭނާއާއި މެދު ނުހައްޤުން އަމަލުކޮށް ފުރާނައަށްވެސް ގެއްލުންވެދާނެތީ ކަމަށް އަދީބުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.
އަދީބު އަނބުރާ ރާއްޖެ ފޮނުވާލީ އޭނާ ރާއްޖެއިން ފިލައިގެން ގޮސް އިންޑިއާ އަށް އެތެރެވާން މަސައްކަތް ކުރި ޓަގް ބޯޓް، "ވާގޯ-9" އެއްގައެވެ.
އަދީބު އިންޑިއާ އަށް އެތެރެވާން މަސައްކަތް ކުރިއިރު، ސުޕްރީމް ކޯޓުން އޮތީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ.