ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގައި 80 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ލެސްޓާ ސިޓީގެ ހެރީ މެގުއާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން، އިއްޔެގެ ވަގުތެއްގައި ޔުނައިޓެޑާއި ލެސްޓާ އިން މެގުއާގެ ޓްރާންސްފާ ކަންތަކުގައި އެއްބަސްވުމަކަށް އައިސްފައިވާއިރު، މެގުއާ ވަރަށް އަވަހަށް ޔުނައިޓެޑްގެ މެޑިކަލްގައި ބައިވެރިވެ ކޮންޓްރެކްޓްގައި ސޮއިކުރާނެ އެވެ.

މެގުއާގެ ޓްރާންސްފާއާ ގުޅޭގޮތުން ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ އޭނާ އަކީ ވަރަށް ހާއްސަ ކުޅުންތެރިއެއް ކަމަށާއި، ޓީމުން ދޫކޮށްލަން ބޭނުންނުވި ކުޅުންތެރިއެއް ކަމަށެވެ.

މީގެކުރީން، ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ކްލަބު ބަދަލުކުރީ ނެދަލޭންޑްސްގެ ވާޖިލް ވެން ޑައިކް އެވެ. ލިވަޕޫލުން ވެން ޑައިކް ހޯދީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައި ސައުތުހެމްޕްޓަނަށް 75 މިލިއަން ޕައުންޑު ދައްކާފައެވެ.

ޔުނައިޓެޑުން މެގުއާގެ ސޮއި ހޯދާފައިމިވަނީ ވޭތުވެދިޔަ އަހަރުވެސް އޭނާ ގެންދިއުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު އެފަހަރު ކާމިޔާބުނުވުމުން، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމުން އެންމެ ބޮޑު އިސްކަމެއްދިން ކުޅުންތެރިޔާގެ ގޮތުގައެވެ. ޔުނައިޓެޑްގެ އިތުރުން މެންޗެސްޓާ ސިޓީންވެސް މެގުއާ ގެންދިއުމަށް މަސައްކަތްކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި ގައުމީ ޓީމުން ވެސް ފަހަކަށް އައިސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ މެގުއާ ވަނީ އެ ޓީމަށް 20 މެޗު ހަމަކޮށްފައެވެ. މީގެއިތުރުން، 2017 ވަނަ އަހަރުން ފެށިގެން ލެސްޓާ އަށް ކުޅެދިން 76 މެޗުގައި ފަސް ގޯލް ޖަހައިދީފައިވެއެވެ.

އުމުރުން 26 އަހަރުގެ މެގުއާ އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑަށް ބަދަލުވީ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރީން، އެ ޓީމުން ވަނީ ސްވަންސީ ސިޓީގެ އުއްމީދީ ވިންގާ ޑެނިއެލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ އިނގިރޭސި ފުލްބެކް އާރޮން ވަން-ބިސާކާ ވެސް ގެނެސްފައެވެ. މީގެއިތުރުން، އެ ޓީމުން މިހާރު ގެނައުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ އަރަމުން އަންނަ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އާއި ޕައޮލޯ ޑިބާލާ ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.