މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 210 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.
އެގޮތުން މި އަހަރުގެ އެޕްރީލް އިން ޖޫން މަހުގެ ނިޔަލަށް ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 210 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނީ 238 މިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު ދެވަނަ ކުއާޓަރުގައި ސާފު ފައިދާ ދަށްވުމުގެ ސަބަބަކީ ޓޫރިޒަމްގެ ލޯސީޒަން ކަމަށްވުމުން ރޯމިންއިން ލިބުނު އާމްދަނީ ދަށްވެފައިވުމެވެ.
ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 710 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީއާއި އަޅާބަލާއިރު 2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ދިރާގަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 324.1 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި ހަރަދުވެފައިވަނީ 350.6 މިލިއަން ރުފިޔާ އެވެ.
ދިރާގުން ޓެކްސްގެ ގޮތުގައި ދެވަނަ ކުއާޓަރުގައި 41.15 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.