މަސްތުވާތަކެއްޗާއެކު ޓީ ޖެޓީޏް ހިފެއްހެޓި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މަސްތުވާތަކެއްޗާއެކު ޓީޖެޓީގައި އޮތް މުދާއުފުލާ ދޯންޏަކުން ރާއްޖޭގެ ރަށަކަށް ފުރަން އުޅެނިކޮށް 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ފުލުހުން ވިދާޅުވީ، އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް މިދިޔަ ބުރާސްފަތި ދުވަހު ޖަހާފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުން ވިދާޅުވީ، އޭނާ ބަލާ ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖިންސްގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓަކާއި އޭނާގެ ކޮނޑުގައި އޮތް ދަބަހުންވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތަރު ރަބަރު ޕެކެޓު އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިހި އަޅާފައި ހުރި ކޮތަޅެއް ފެނިފައިވާ ކަމަށެވެ.