ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ހިމާޔަތްނުދޭން ނިންމައި، އޭނާ އަނބުރާ ރާއްޖެ ފޮނުވާލުމަށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އަދީބު ރާއްޖެއިން ފިލައިގެން އިންޑިއާއަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހެވެ. އިންޑިއާ ފުލުހުން ވަނީ ޓަގު ބޯޓެއްގައި ހުއްޓާ އޭނާ ހިފަހަށްޓާފައެވެ.
އިންޑިއާގެ ނޫހެއް ކަމުގައި "ދަ ނިއު އިންޑިއަން އެކްސްޕްރެސް"ވާ ގޮތުން އަދީބު އަނބުރާ ރާއްޖެ ގެންނަނީ އޭނާ އިންޑިއާއަށް އެތެރެވުމަށް މަސައްކަތް ކުރި ޓަގު ބޯޓުގައެވެ. އަދި އަދީބު ރާއްޖެ ގެންނަނީ އޭނާ ބަލާ އިންޑިއާއަށް ދިޔަ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.
ނަމަވެސް، އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަދީބު އިންޑިއާއިން ޑިޕޯޓްކޮށްލާފައިވަނީ، ރާއްޖެ އަނބުރާ ފޮނުވާލައިފިނަމަ ނުހައްގު އަދަބު ދޭނެކަމަށް ތުހުމަތުކޮށް، ދިވެހި ފުލުހުންނާ ހަވާލު ނުކުރުމަށް އަދީބުގެ ފަރާތުން އިންޑިއާ ސަރުކާރަށް އިލްތިމާސްކޮށްފައިވަނިކޮށެވެ.
އިންޑިއާއަށް އެތެރެވިޔަ ނުދީ އަދީބު އަނބުރާ ރާއްޖެއަށް ފޮނުވާލާއިރު، އޭނާގެ މައްޗަށް ކުރިން އިއްވި ހުރިހާ ހުކުމްތަކެއް ރާއްޖޭގެ ކޯޓުތަކުން ބާތިލް ކޮށްފައެވެ. އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.