ފްރާންސްގެ ލިއްލޭ އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓްގެ ހުނަރުވެރި ވިންގާ ނިކޮލަސް ޕެޕޭ، 89 މިލިއަން ޑޮލަރު (72 މިލިއަން ޕައުންޑް) ގެ ޓްރާންސްފާ ފީ އަކަށް އާސެނަލަށް ބަދަލުވެ، ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުމުރުން 24 އަހަރުގެ ޕެޕޭ އަކީ މިހާތަނަށް ކްލަބު ބަދަލުކުރި އެފްރިކާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ އިތުރުން އާސެނަލަށް އެންމެ ބޮޑު އަގުގައި ގެނައި ކުޅުންތެރިޔާވެސް މެއެވެ. މީގެއިތުރުން، ޕައުލް ޕޮގްބާ އާއި ރޮމެލޫ ލުކާކޫ އަދި ވާޖިލް ވެން ޑައިކް އަށްފަހު އޭނާ އަކީ ޕްރިމިއާ ލީގުގެ މިހާތަނަށް ހަތަރުވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.
އާސެނަލްގެ ބޯޑުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް ހަރަދުކުރުމަށް ދީފައިވަނީ ކުޑަ ބަޖެޓެއް ކަމަށް މީޑިއާގައި އަޑުއަރާފައިވާއިރު، ޕެޕޭގެ ޓްރާންސްފާ ފީ އެ ޓީމުން ލިއްލޭ އަށް ދެއްކުމަށް އެއްބަސްވެފައިވަނީ އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެންނެވެ.
2017 ވަނަ އަހަރު ލިއްލޭ އަށް ބަދަލުވެ ޕެޕޭ ވަނީ ފްރެންޗް ލީގުގައި އެ ޓީމަށް ކުޅެދިން 74 މެޗުގައި 35 ލަނޑުޖަހާފައެވެ. މީގެއިތުރުން، އައިވަރީ ކޯސްޓަށް މިހާތަނަށް ކުޅެދިން 11 މެޗުގައި 4 ލަނޑުޖަހާފައިވާ ޕެޕޭގެ ވިދުން އެންމެ ގަދަވީ ނިމިދިޔަ ސީޒަނުގައެވެ. އެގޮތުން، ލިއްލޭ އަށް ފްރެންޗް ލީގުގެ ދެވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް އޭނާ ވަނީ އެ ޓީމަށް ކުޅެދިން 38 މެޗުގައި 22 ގޯލްޖަހައި، އިތުރު 11 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
އާސެނަލަށް ބަދަލުވުމަށްފަހު ޕެޕޭ ބުނީ މި ދަނޑިވަޅަށް ބަލާއިރު، މިއީ އެންމެ މުހިއްމު ނިންމުންކަމަށާއި، އާސެނަލް އަކީ އޭނާ ބަދަލުވުމަށް އެންމެ އެކަށީގެންވާ ޓީމުކަމަށެވެ. އާސެނަލްގައި ޕެޕޭ ބޭނުންކުރާނީ 19 ނަންބަރު ޖާޒީ އެވެ.
"މި ދަނޑިވަޅުގައި އާސެނަލް ފަދަ ޓީމަކަށް ބަދަލުވުމަކީ އެންމެ ރަނގަޅު ނިންމުން." ޕެޕޭ ބުންޏެވެ.
އާސެނަލްގެ ކޯޗު އުނާއި އެމެރީ ވަނީ ޕެޕޭ އަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އެމެރީ ބުނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމުން އެންމެ ބޮޑު އިސްކަމެއްދިނީ ލަނޑުޖަހައިދޭނެ ހުނަރުވެރި މޮޅު ވިންގެއް ހޯދުންކަމަށާއި، ޕެޕޭ ގެނައުމުން އެކަންތައް ހާސިލްވެއްޖެކަމަށެވެ.
އާސެނަލުން ވިންގަށް ކުޅޭ ކުޅުންތެރިއަކު ހޯދުމަށް ކުރާ މަސައްކަތުގައި މީގެކުރީން ވަނީ ޕެޕޭއާ އެކު ގައުމީ ޓީމަށް ކުޅެމުން އަންނަ ވިލްފްރައިޑް ޒަހާ އަށް ވެސް ބިޑްކޮށްފައެވެ. ނަމަވެސް، ކްރިސްޓަލް ޕެލަސް އިން ޒަހާ ވިއްކާލުމަށް ކިޔާ އަގު ބޮޑުކަމުން އެކަން ކާމިޔާބުވާގޮތެއްނުވިއެވެ.
ޕެޕޭގެ އިތުރުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އާސެނަލުން ވަނީ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ގެބްރިއެލް މާޓިނެއްލީ އާއި ރެއާލް މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިނުގެ މިޑްފީލްޑަރު ޑެނީ ސެބަޔޯސް އެވެ. އަދި ސެއިންޓް އެޓިއެންގެ އުއްމީދީ ޑިފެންޑަރު ވިލިއަމް ސަލީބާގެ ސޮއި ހޯދާފައިވީނަމަވެސް، އެއްބަސްވުމުގައިވާ ގޮތުން މި ސީޒަނުގައި ސަލީބާ ކުޅޭނީ މިދިޔަ އަހަރު ވެސް އޭނާ ކުޅުނު ސެއިންޓް އެޓިއެން އަށެވެ.
މީގެއިތުރުން، އެ ޓީމުން މިހާރު ގެނައުމަށް މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި، ސެލްޓިކްގެ ފުލްބެކް ކިއެރަން ޓިއާނީ އާއި ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލީ ރުގާނީ ހިމެނޭކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.