ސެމްސަންގުން ދެން އެންމެ އަވަހަށް ނެރެން އުޅޭ ގެލެކްސީ ނޯޓް 10 ގައި ކުރީން ބޭނުންކުރަމުން އަންނަ ހެޑްފޯން ޖެކް ޖަހާނެ ޕޯޓެއް ހިމަނާފައިނުވާކަން އެންމެ ފަހުން ލީކްވީ މައުލޫމާތުތަކުން އެނގިގެން ގޮސްފިއެވެ.
މިއީ ފަހަކަށް އައިސް ސެމްސަންގުން ހެޑްފޯން ޖެކް ނުހިމެނޭ ގޮތަށް ފަރުމާކުރެވިގެން ނެރޭ ފުރަތަމަ ފޯނެވެ. އެ ކުންފުނީން އެންމެފަހުން ނެރުނު ގެލެކްސީ އެސް 10ގެ އިތުރުން ގެލެކްސީ ނޯޓް 9 ގައިވެސް ހެޑްފޯން ޖެކް ޖެހުމަށް ޕޯޓެއް ހިމަނާފައިވެއެވެ. މީގެއިތުރުން، ވާދަވެރި އެޕަލްގެ އައިފޯންތަކާއި، ވާވޭގެ އެންމެފަހުން ނެރުނު މޮޑެލްތަކުގައިވެސް ހެޑްފޯން ޖެކް ޖެހުމަށް ހާއްސަ ޕޯޓެއް ހިމަނާފައިނުވާކަން ފާހަގަކޮށްލެވެއެވެ.
އެކަމަކު، މީގެ ސަބަބުން ކަސްޓަމަރުންނަށް ދަތިތައް ދިމާނުވާނެ ގޮތަށް އެ ކުންފުނީން ވަނީ ފުރަތަމަ ފަހަރަށް ފޯނާއެކު ޑޮންގްލްގެ ޛަރިއްޔާއިން ހެޑްފޯން ބޭނުންކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައެވެ. މި ފޯނުގައި ހިމެނޭ ޗާޖް ކުރުމަށް ހާއްސަ ޔޫއެސްބީ-ސީ ޕޯޓަށް އެ ޑޮންގްލް ޖެހުމުން އޭގެ އަނެއްކޮޅުގައިވާ 3.5 މިލިމީޓަރުގެ ހެޑްފޯން ޖެކަށް ހާއްސަ ޕޯޓު މެދުވެރިކޮށް އެންމެ ކުރީން ބޭނުންކުރަމުން އައި ގޮތަށް ހެޑްފޯން ބޭނުންކުރެވޭނެއެވެ.
މީގެއިތުރުން، މި ފަހަރުގެ ނޯޓް 10 ގައި ހިމެނޭ ޔޫއެސްބީ-ސީ ޕޯޓް މެދުވެރިކޮށް ހެޑްފޯން ބޭނުންކުރެވޭނެގޮތަށް ފަރުމާކުރެވިގެން ޔޫއެސްބީ-ސީ ބަޑްސް ވެސް ފޯނާއެކު ލިބޭނެއެވެ. އެގޮތުން، ސެމްސަންގުން މި ފޯނު ބާޒާރަށް ނެރޭއިރު، ޔޫއެސްބީ-ސީ ބަޑްސްގެ އިތުރުން ޑޮންގްލް ވެސް ފޯނާއެކު ލިބޭނެއެވެ.
ގެލެކްސީ ނޯޓް 10 ގައި ހިމެނޭ އިތުރު ފީޗާސްތަކުގެ މާގިނަ މައުލޫމާތުތަކެއް މިހާތަނަށް ހާމަކޮށްފައިނުވާއިރު، ބެލެވޭގޮތުގައި މި ފޯނުގެ ޑިސްޕްލޭގައި ފިންގާޕްރިންޓް ސެންސާއެއް އިންނާނެ އެވެ. އަދި ތިން ލެންސުގެ ކެމެރާއަކާއި ގެލެކްސީ އެސް 10 ގައި ހުރި ބައެއް ފީޗާތައް ވެސް ހުންނާނެ ކަމަށް ވާހަކަތައް ދެކެވެއެވެ. ޑިސްޕްލޭ އާއި ބެޓަރީ ވެސް ބޮޑުވެފައި މުޅިން އާ ކެމެރާ ސެޓަޕެއް ވެސް އިންނާނެ ކަމަށްވެއެވެ.
ގެލެކްސީ ނޯޓް 10 ނެރޭނެ ވަކި ތާރީޚެއް ސެމްސަންގުން މިހާތަނަށް ހާމަކޮށްފައިނުވީނަމަވެސް އިންޓަނެޓްގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު މި މަހުގެ ފަހުކޮޅު މި ފޯނު ނެރުމަކީ ވަރަށް ގާތް ކަމެކެވެ.