ޚަބަރު
ގަވައިދާ ހިލާފަށް ރާއްޖޭން ނަގުދު ފައިސާ ބޭރުކުރުން ގާތްގަނޑަކަށް ހުއްޓިއްޖެ: އިހުސާން
މިނިސްޓަރު އިހުސާން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި. -- ފޮޓޯ: މިހާރު

ރާއްޖޭން ބޭރަށް 10،000 ޑޮލަރަށް ވުރެ އިތުރަށް ގެންދާނަމަ އެ ފައިސާ ހޯދިގޮތް ބަޔާން ކުރުމަށް ފަހު ނޫނީ ނުގެންދެވޭ ގޮތަށް ހެދި ގަވައިދާ އެކު ގަވައިދާ ހިލާފަށް ނަގުދު ފައިސާ ބޭރުކުން ގާތްގަނޑަކަށް ހުއްޓުވާލެވިއްޖެކަމަށް ހޯމް މިނިސްޓަރި އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ އިދާރާތަކުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން އޮންނަ ގޮތަކީ ކޮންމެ މީހަކުވެސް 10،000 ޑޮލަރަށް ވުރެ ގިނައިން ގެންދާނަމަ މިދަނީ އެ އަދަދަށް ފައިސާ ހިފައިގެންކަމަށް ބުނުމުން ޑިކްލަރޭޝަން މަރުހަލާ ނިމުނީ ކަމަށެވެ. ނަމަވެސް މިހާރު ވަނީ އެ ގަވައިދު އިސްލާހުކޮށްފައި ކަމަށާއި 10،000 ޑޮލަރަށް ވުރެ އިތުރަށް ރާއްޖޭން ބޭރު ކުރާނަމަ އެ ފައިސާ ހޯދި ގޮތް ބަޔާން ކުރަން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ބައެއް ބިދޭސީން ރާއްޖެއަށް ލޭބަރެއްގެ ގޮތުގައި އެތެރެވެ، ހަފުތާއަކު އެއް ފަހަރު ރާއްޖެ އިން ބޭރަށް އެތައް ލައްކަ ޑޮލަރެއް ހިފައިގެންދާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ބައިނަލްއަގްވާމީ އިދާރާތަކުގައި މިކަމަށް މިންގަނޑުތަކެއް އޮވޭ. އެމީހާ 10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދަންޏާ ސޯސް އޮފް އިންކަމް ޑިކްލިއާ ކުރަން ޖެހޭ. އޭނާ ކޮންތާކުން ހޯދި ލާރިއެއްތޯ ހިފައިގެން މި ދަނީ.

މިނިސްޓަރު ވިދާޅުވީ ކުރިން ފައިސާ ބޭރު ކުރަމުން ދިޔަ ގޮތަށް މިހާރު ދިވެއްސަކަށްވެސް ބިދޭސީއަކަށްވެސް ފައިސާ ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި 10،000 ޑޮލަރަށް ވުރެ އިތުރަށް ގެންދާނަމަ ކިހިނެއް ހޯދި ފައިސާއެއްކަން ބަޔާންކޮށް ޑިކްލެއާކޮށް ނިމުމުން ނޫނީ އެ ފައިސާ ދޫ ނުކުރާނެކަމަށްވެސް ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top