ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދިީބް އަބްދުލްޤަފޫރު އިންޑިއާއަށް އެތެރެވެގެން އުޅެނިކޮށް އިންޑިއާ ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަދީބު އިންޑިއާއަށް ގޮސްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. އަދި އަދީބު މިވަގުތު ހުރީ ޓަގު ބޯޓެއްގެ ތެރޭގައި ބިޑި އަޅުވާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދީބު އަތުލައިގަނެފައިވަނީ ވިރްގޯ9 ކިޔާ ޓަގެއްގައި އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އެގައުމަށް އެތެރެވާން އުޅެނިކޮށް ކަމަށެވެ. އަދީބު އިންޑިއާއަށް އެތެރެވާން އުޅުނު ބަނދަރަކީ ހިލައާއި ހިލަވެލި އުފުލާ ޓަގު ބޯޓު ފަހަރަށް ހާއްސަ ބަދަރެކެވެ.
އަދި އެ ނޫހުގައިވާ ގޮތުން އަދީބު ހައްޔަރުކުރި އިރު، އެ ބޯޓުގައި ތިބީ އަދީބުގެ އިތުރުން ތަމަޅަ މީހަކާއި، އިންޑޮނޭޝިއާގެ އަށް ފަޅުވެރިންނެވެ.
އަދީބު ދަތުރުކުރި ޓަގު ބޯޓަކީ ސިންގަޕޫރުގެ ދިދަ ޖެހި ޓަގްއެއް ކަމަށާއި އެ ޓަގު އެންމެ ފަހުން ބަނދަރުކުރި ކަމަށް ދައްކަނީ ފޭދޫ ފިނޮޅުގައި ކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވިދާޅުވީ، އަދީބު އިންޑިއާއިން ހައްޔަރުކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެކަން ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދީބު ހައްޔަރުކުރި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެބޭފުޅާގެ އަނބިކަނބަލުން ނަޝްފާއަށް "ޖަޒީރާ ނިއުސް" އިން ގުޅާލުމުން ފޯނު ނިއްވާލައިފައި އޮތުމުގެ ސަބަބުން ވަނީ އާއިލާގެ ބަހެއް ނުލިބިފައެވެ.