ބާސެލޯނާ އަދި ސްޕެއިނުގެ ކުރީގެ ކެޕްޓަން ކާލެސް ޕުޔޯލް ގެންދިއުމަށް ވާދަވެރި ރެއާލް މެޑްރިޑުން ދެފަހަރެއްގެ މަތިން މަސައްކަތްކުރުމުން އެ ދެފަހަރުވެސް އެ ޓީމުގެ ހުށަހެޅުންތަކަށް ފުރަގަސްދީފައިވާކަމަށް ބުނެފިއެވެ.

އުމުރުން 41 އަހަރުގެ ޕުޔޯލް ބުނީ ރެއާލުން 2001/2002 އާއި 2004/2005 ވަނަ އަހަރުގެ ސީޒަނުގައި ގެންދަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެ ދެ ފަހަރުވެސް އެ ޓީމުގެ ހުށަހެޅުންތަކަށް ފުރަގަސްދިނީ އޭރު ކުޅެމުން އައީ ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމު ކަމަށްވާ ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރުމަށް ބޭނުންވާތީވެ ކަމަށެވެ.

"ރެއާލްގެ ކޯޗަކަށް ހޯސޭ އެންޓޯނިއޯ ކަމާޗޯ ހަމަޖެއްސުމުން އޭނާ ގެންދަން ބޭނުންވީ ރޮނާލްޑީނިއޯގެ އިތުރުން އަހަރެން." އެއީ ރެއާލުން ދެވަނަ ފަހަރަށް އޭނާ ގެންދަން މަސައްކުރި ފަހަރުކަމަށް ބުނެ ސްޕެއިނުގެ ޓީވީ 3 އަށް ޕުޔޯލް ދިން އިންޓަވިއުގައި ބުންޏެވެ.

"އެމީހުން ދެ ފަހަރެއްގެ މަތިން އަހަރެން ގެންދަން މަސައްކަތްކުރުމުން، އެ ހުށަހެޅުންތަކަށް ފުރަގަސްދިނީ އޭރު ކުޅެމުން އައީ ދުނިޔޭގެ އެންމެ މޮޅު ކުލަބަށް (ބާސެލޯނާ) ކަމަށްވާތީވެ، އެ ޓީމާއެކު ކާމިޔާބީތައް ހޯދުމަށް ބޭނުންވާތީވެ."

2000 ގެ އަހަރު ތަކުގެ މެދުތެރޭގައި އޭރު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރުން ތެރޭގައި ހިމެނުނު ޕުޔޯލްގެ ފުޓްބޯޅަ ކެރިއަރު އެއްކޮށް ހޭދަކުރީ ބާސެލޯނާގައެވެ. އެގޮތުން އެ ޓީމާއެކު ހޭދަކުރީ 14 ސީޒަނުގައި ސްޕެނިޝް ލީގު ހަ ފަހަރު ހޯދިއިރު، ސްޕެނިޝް ސުޕަ ކަޕް އަށް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ތިން ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

މީގެއިތުރުން، ސްޕެއިނުގެ ގައުމީ ޓީމަށް 100 މެޗު ހަމަކޮށްފައިވާއިރު، 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް އެ ޓީމުން ކާމިޔާބުކުރިއިރު ޕުޔޯލް ވަނީ އެ ޓީމުގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.